ޚަބަރު

މާލެއަށް 264 ބަނގުރާފުޅި އެތެރެކުރި މީހާގެ ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މާލެއަށް 264 ބަނގުރާފުޅި އެތެރެކުރި މީހާގެ ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

ކްރިމިނަލް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ، މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މުޢާވިޔަތު އަޙްމަދު ޞަމީރު އޭނާ އެ ބަންގުރާ ފުޅިތައް ރާއްޖެ އެތެރެކުރިކަމަށް އިޢުތިރާފުވުމުންނެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާކަމަށްވާއިރު، އޭނާ ކުށަށް އިއުތިރާފުވެފައިވަނީ ދައުވާއަށް ޖަވާބު ދިނުމުގެ މަރުޙަލާގައެވެ. އަދި އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައިވެސް އިއުތިރާފު ދަމަހައްޓާފައިވާތީ ޝަރީއަތުން ވަނީ އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅާފައެވެ.
މި ހާދިސާއަކީ މިދިޔަ އަހަރު ޑިސެންބަރު މަހުގައި ހިނގި ހާދިސާއެކެވެ. އެގޮތުން މި މައްސަލައިގައި މުޢާވިޔަތު އަޙްމަދު ޞަމީރު އިތުރު މީހަކާއެކު ހުޅުމާލޭ ފޭސް 2 ގެ ސަފާރީ ޖެޓީ ކައިރިން ކާރެއްގައި މާލެއަށް ބަނގުރާ އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސްއަށް ލިބިގެން ސިނަމާލެ ބްރިޖު ކައިރިން މާލެއަށް ފައިބާ ޓްރެފިކް ލައިޓު ކައިރީގައި ފުލުހުން ވަނީ ޙަރަކާތްތެރިވެފައެވެ. އަދި ކާރު އެހިސާބަށް އައުމުން ކާރު މަޑުކޮށް، ބަލައި ފާސްކުރިއިރު ކާރުގެ ޑިކީ ތެރެއިން ވަނީ 264 ފުޅި ބަނގުރާ ފެނިފައެވެ.

މިއީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މުޢާވިޔަތު އަޙްމަދު ޞަމީރުގެ މައްޗަށް ސާބިތުވާ މައްސަލައެއްކަމަށް ޝަރީއަތުން ކަނޑައަޅާފައިވާއިރު، އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް ދަޢުލަތުވެސް ފާހަގަކޮށްފައިވެއެވެ.

މި ކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކަމަށްވާއިރު، އެ ކުށަށް އޭނާ އިއުތިރާފުވެފައިވާތީ އަދަބުގެ އަސާސީ މިންގަނޑު ދަށް ކުރުމުން ކަނޑައެޅޭ އަދަބަކީ 1 މަހާއި 13 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި އޭނާގެ މައްޗަށް ޖަލު އަދަބު ނޫން އަދަބެއް ކަނޑައެޅުމުގެ މަސްލަޙަތު މާ ބޮޑުކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވާއިރު، ދައުލަތުންވެސް އެކަމަށް އިއުތިރާޒު ނުކުރާތީ އޭނާގެ ޖަލު ޙުކުމް ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް، ޖޫރިމަނާއަށް ކަނޑައަޅާފައިވާ 8600 ރުފިޔާ ދެމަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އޭނާގެ މައްޗަށްވަނީ ޙުކުމްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!