ޚަބަރު ސިޔާސީ

ކޯލިޝަންގައި ނެތް ޕާޓީތަކުގެ މީހުން މަޤާމުގައި ބައިތިއްބާފައި ތިބީ ރައީސްގެ އޯގާތެރިކަމުން:އިމްރާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނޫން ބޭފުޅެއް ވެރިކަމުގައި ހުންނެވި ނަމަ ކޯލިޝަނުގައި ތިބެ އެމަނިކުފާނާއި އެކުގައި ނެތް އެކަކު ވެސް ސަރުކާރުގައި ނުހުންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ޞާލިހް އާއެކު މިހާރު ވާވު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފުލިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ކޯލިޝަންގައި ތިބެ ރައީސްއަށް ތާއިދު ނުކުރާ މީހުން މަޤާމުގައި ބޭތިއްބީ ރައީސްގެ އޯގާތެރިކަމުން ކަމަށެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ބައިވެރިވުމާއެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ، ސިޔާސީ ހަރަކާާތް ހިންގުމުގެ ނަމުގައި، ވެލި އުކައި، ފެން އުކަން ޖާގަ ނުދެއްވާނެ ކަމަށް ކަމަށް ވިދާޅުވުމުން ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހާރު ވާވު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެއަތޮޅު ކެޔޮދޫއާއި ރަކީދޫ، ތިނަދޫ އަދި ފެލިދޫއަށް ވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު މިއަދު ވަނީ ރާއްޖޭގައި ދެން ފަށާ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު މަޝްރޫއު ފަށާނީ ވާވު އަތޮޅުގައި ކަމަށް އިއުލާން ކޮށްފައެވެ. މިގޮތުން ރައީސް ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ޕިކްނިކް އައިލެންޑެއް ވެސް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި މަޝްރޫއުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށާއި މާދަމާ އޮންނަ އިކޮނޮމިކް ކައުންސިލްގައި ބައެއް ކަންކަން ނިމިގެންދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

މިދަތުރުފުޅުގައި މިނިސްޓަރުންނާއި، އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސް ފަރާތްތަކުން ވެސް ދަނީ ބައިވެރިވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!