ފޮއްތެޔޮ ފަޅު ވިއްކައިލުމަށް ހިންގަނީ ޖަރީމާއެއް ކަމަށް ތުހުމަތުކޮށް، އެކަން ހުއްޓައިލުމަށް ޕީޕީއެމް/ޕީއެންސީން ގޮވައިލައިފި
ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ޤާނޫނާއި ޚިލާފަށް ވިއްކާލުމަށް ސަރުކާރުން ހިންގަމުން ގެންދާ ޖަޒީމާ ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސަރުކާރަށް ގޮވައިލައިފިއެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޞާލިޙްގެ ކެމްޕޭނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އަދި ރާއްޖޭގެ އެންމެ ބޮޑު ފަޅުކަމުގައިވާ ވ. ފޮއްތެޔޮ ބޮޑު ޖަރީމާއެއްގެ ތެރެއިން ޤާނޫނާ ޚިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާކަން އެ ކޯލިޝަނަށް އެނގިފައިވާކަމަށާއި އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލެވޭނެކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުމަކަށް އައުމަށް މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ވަކި ބަޔަކަށް މަންފާވާނެގޮތަކަށް ރާއްޖޭގެ އަގުހުރި ދިވެހިންގެ މުދާ ނުއަގުގައި ވިއްކައި ހުސްކުރުމަކީ ދިވެހި ރައްޔިތުންވެސް އަދި އެ ކޯލިޝަނުންވެސް ބަލައިގަންނާނެކަމެއް ނޫންކަމަށާއި، ކޮރަޕްޝަނުގެ މި ބޮޑު ޢަމަލު ހަމަ މިހާރުން މިހާރަށް ހުއްޓާލުމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޤާނޫނާ ޚިލާފަށް ނުއަގުގައު އެ ފަޅު ވިއްކާލުމަށް ނިންމި ނިންމުން އަވަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް އެ ކޯލިޝަނުންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ގޮވައިލައިފައެވެ.
އަދި މިފަދަ ކޮރަޕްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާއިރު، އެގޮތަށް ހެދޭ އެއްބަސްވުންތައް ބާޠިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން ޕީޕީއެމްގެ ވެރިކަމެއްގައި އެތަންތަން އަތުލާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ޤާނޫނާއި ޚިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ޙަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުހެލިވުމަށް އެ ކޯލިޝަނުން ކުންފުނިތަކަށް އިލްތިމާސްކޮށްފައިވާއިރު، އެފަދަ މުޢާމަލާތްތަކުގައި ބައިވެރިވާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.