ކުރިއަށް އޮތް ދެ ހަފްތާގައި މާލޭގެ ސްކޫލްތަކުގައި ކިޔަވާދޭނީ އޮންލައިންކޮށް

ކުރިއަށް އޮތް ދެ ހަފްތާގައި މާލޭގެ ސްކޫލްތަކުގައި ކިޔަވައި ދޭނީ ހަމަ މިހާރެކޭ ވެސް އެއްފަދައިން އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެމިނިސްޓްރީން ބުނެފައިވަނީ ކޮވިޑް19 ގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭ އާއި ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި މިހިނގާ އޮގަސްޓް 23 އިން އަންނަ މަހުގެ ތިންވަނަ ދުވަހަށް ކިޔަވައިދިނުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ.
މިނިންމުން ދެ ހަފްތާ ފަހުން މުރާޖައާ ކުރާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގާތްގަނޑަކަށް ތިންމަސް ދުވަސް ވަންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު ކިޔެވުން އަލުން ފެށީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުގައެވެ. ނަމަވެސް އެއިރު ސްކޫލްތަކަށް ގޮސްގެން ކިޔަވައި ދީފައިވަނީ ހަމައެކަނި ގްރޭޑް 9 ން 12 ގެ ދަރިވަރުންނަށެވެ.
ކޮވިޑް19 އަށް ފައްސިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެން، މާލޭގެ ސްކޫލުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް އެޑިއުކޭޝަނުން ވަނީ ނިންމައިފައެވެ.
މާލޭގެ ސްކޫލުތައް އީދު ބަންދަށް ފަހު ނުހުޅުވާގޮތަށް ނިންމައި، އެޑިޔުކޭޝަނުން ނެރުނު ބަޔާނުގައި ބުނީ ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައިވެެސް މުހިއްމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ.