ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހެޅި އާ މައްސަލަ ބޭރުކޮށްލައިފި

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި އާ މައްސަލަ ވެސް ބޭރުކޮށްލައިފިއެވެ.
ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައި ކޯޓުގައިވާ އިސްތިއުނާފީ މައްސަލަތައް ލަސްވާތީ އެމަނިކުފާނުގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގު ގެއްލިފައިވާތީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައެޅުމަށް ފަހުގައެވެ.
އެކަމާއި ގުޅިގެން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ހަނިކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.