ރިޕޯޓް

ގިނަ ޒުވާނުންތަކެއް "ސިޔާސީ ވާހަކަ" ދައްކަން މަޖުބޫރުކުރި ހަމްދާ!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އެންމެ ފަސް މިނެޓުން އެ ޒުވާނާ ބަންޑުން ކޮށްލީ ރާއްޖޭގެ ބޮޑު އާބާދީއެއްގެ އުދާސްތަކެވެ. ހުޅުވާލީ ބޮޑު މަޝްވަރާއެކެވެ. އެ ޒުވާނާގެ ވާހަކަތައް މީސްމީޑިއާއިން ފެށިގެން ހޮޅުއަށިތަކާއި ކާ މޭޒުތަކުގައި ވެސް ‘ހޮޓް’ ޓޮޕިކަކަށްވިއެވެ. ދައްކަން މި އުޅެނީ, ޑިމޮކްރެޓްސްގެ ޖަލްސާއަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި, ގދ. ތިނަދޫއަށް ނިސްްބަތްވާ ފާތިމަތު ހަމްދާ މުހައްމަދުގެ ވާހަކައެވެ.

Ads by STELCO

ހަމްދާއާ އަހަރެން ދިމާވީ މީގެ ދެތިން މަސް ކުރިން ރައްޓެއްސަކާ އެކު ކޮފީއަކުންނެވެ. އޭރު ހަމްދާ އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅެއެވެ. އެ ދުވަހު ވެސް ހަމްދާ ދެއްކީ އެއް ވާހަކައެވެ. އެއީ ޒުވާނުން "ސިޔާސީ"ވާން ޖެހޭ ވާހަކައެވެ. ސިޔާސީ ކަންކަމަށް ލޯ ހުޅުވެން ޖެހޭ ވާހަކައެވެ. ‘ސިވިކް އެޑިއުކޭޝަަން’ގެ މުހިއްމުކަން އިިޙުސާސް ކުރެވި ކުރިއަށް އަންނަން އޮތް ޖީލުތައް މި މައުޟޫތަކަށް ޝައުޤުވެރިކުރުވާ ދޯޅުކުރުވަން ބޭނުންވާ ވާހަކައެވެ. ބޮޑު ތަސައްވުރެއްގެ ވާހަކައެވެ. އޭރު ހަމްދާ ހޯދަމުން ދިިޔައީ އެ ވާހަކަ ދައްކާނެ ޕްލެޓްފޯމެކެވެ. އިންސްޓަގްރާމުގައި އޭނާގެ ފޮލޯވަރުންނަށް އޭރު ވެސް އެ ވާހަކަތައް ކިޔައިދެމުން އައި ނަމަވެސް އޯޑިއަންސް ބޮޑުކުރާނެ ގޮތެއްގެ ވާހަކައެވެ. އޭގެ ފަހުން ހަމްދާ އަހަރެންނަށް ދެން ފެނުނީ ޕޯޑިއަމްއެއްގައި ވަރަށް ޖޯޝާ އެކު ވާހަކަ ދައްކަން ހުއްޓައެވެ. މުޅި އޯޑިއަންސް ސްޓޭންޑިން އޮވޭޝަންއެއް ދޭވަރުގެ ވަރުގަދަ ސްޕީޗެއް އެ ރޭ ދިނެވެ. ތަކުރާރުކޮށް ޒުވާނުން ސިޔާސީ ކަންކަމަށް އަހުލުވެރި ކުރުވަން ހަމްދާ ބޭނުންވަނީ ޙަޤީޤަތުގައި ކީއްވެކަން އަހަރެންނަށް އިޙުސާސް ކުރުވަމުންނެވެ..

އެ ދުވަހުން މިއަދާ ހަމައަށް އައި ގޮތް ހޯދާލުމަށް, ހަމްދާއާ އެކު އަނެއްކާ ވެސް ކޮފީ އަކަށް އެރީމެވެ.

ވާހަކަތަކަށް ދިއުމުގެ ކުރިން ހަމްދާގެ ކުޑަ ތައާރަފެއް ދޭނަމެވެ. 2018ވަނަ އަހަރު ގދ އަތޮޅު ތައުލީމީ މަރުކަޒުން ޘާނަވީ އިމްތިހާން ފުރިހަމަ ކުރުމަށް ފަހު ހަމްދާ މާލެ ބަދަލުވީ އުމުރުން 16 އަހަރުގައެވެ. އެއަށް ފަހު ޕީއެސްއެމްގައި ޕްރެސެންޓަރަކަށް އުޅެމުން މޯލްޑިވިސް މީޑިއާ އިންސްޓިޓިއުޓް އިން ޖާނަލިޒަމް ކިޔެވިއެވެ. އޭގެ ފަހުން މީޑިއާތަކުގައި ނޫހާއި އާރޓިކަލް ލިޔެ، ޕްރޮގްރާމް ހުށަހަޅާ އަދި ޚަބަރު ކިޔަން މަސައްކަތް ކުރިއެވެ. މިހާރު ކިޔަވަމުން އަންނަނީ އެމްއެންޔޫގައި ޕޮލިޓިކަލް ސައިންސް އަދި ބައިނައަލް އަޤުވާމީ ގުޅުންތަކެވެ. ހަމްދާއަކީ ޚަބަރު ހުށައެޅުމާއި، ލިޔުމާއި، ވާހަކަ ދެއްކުމާއި، މާރކެޓިން އަދި ޕަބްލިކް ރިލޭޝަންގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ހުރި ޒުވާނެކެވެ. ޑިމޮކްރެޓްސްއާ ގުޅުމުގެ ކުރިން ސިޔާސީ ޕާޓީއެއްގައި ޕޮލިޓިކަލް ސްޓްރެޓީޖިކް ރިސާރޗަރ އަދި ޖޫނިއަރ ޕޮލިސީ އެގްޒެކިއުޓިވްއެއްގެ ގޮތުގައި ހަމްދާ ހަރަކާތްތެރިވެފައިވެއެވެ. 

ބެކްރައުންޑް ކުޑަކޮށް މި ކިޔައިދިނީއެވެ. ދެން މި އޮތީ ހަމްދާއަށް ތަޢުރީފް އޮހިގެންދިޔަ ގޮތުގެ ވާހަކައެވެ.

ބޭނުންވީ އަޑު އިއްވަދޭން, މިހާރު އެ އިޙްސާސް ކުރެވޭ

ހަމްދާއަށް އަހަރެން ކުރިމަތި ކުރުވި ފުރަތަމަ ސުވާލަކީ, އެންމެން ވެސް އަހާ އަދި އަހަން ބޭނުންވާނެ އެއް ސުވާލެކެވެ. އެއީ ޒުވާނެއްގެ ހައިސިއްޔަތުން އެ ދުވަހު އިޙްސާސް ބަންޑުންކޮށްލަން, ސިޔާސީ ޕޯޑިއަމްއަކަށް އެރީ ކީއްވެގެންތޯއެވެ. ހަމްދާގެ ޖަވާބު ވަރަށް ކުރެއެވެ. އެއީ އެންމެ ބޮޑު އިންޕެކްޓެއް އެންމެ އަވަހަށް ގެނެވޭނެ ގޮތެއް ހޯދީއެވެ. އެންމެ ގިނަ ބަޔަކަށް ރީޗް ވެވޭނެ ފަސޭހަ ގޮތެއް ހޯދީއެވެ.

ޑިމޮކްރެޓްސް ޖަލްސާއެއްގައި ހަމްދާ ވާހަކަ ދައްކަނީ.. ދެން އިމޭޖްސް

ދެން އެހީ މިކަމުގައި ޑިމޮކްރެޓްސް ޚިޔާރު ކުރީ ކީއްވެގެންތޯއެވެ.

މި ސުވާލަށް ޖަވާބު ދެމުން ހަމްދާ ބުނީ ހަމްދާާގެ ތަސައްވުރުގައިވާ ކަންކަން ހާސިލުކުރުމަށް ޓަކައި އެބައެއްގެ ވިސްނުމާއި ފިކުރު ހަމްދާއާ އެންމެ ގުޅޭ ޓީމެއްގެ ގޮތުގައި ހަމްދާއަށް ޑިމޮކްރެޓްސް ފެނުމާއި އެ ފުރުސަތު ޒުވާނުންނަށް ހޯދައިދޭނެ ކަމުގެ ޔަޤީންކަންދީ އަމަލުކުރާކަން ހަމްދާއަށް ގާތުން ފެންނަމުންދާ ބަޔަކާ އެކު މަސައްކަތް ކުރަން ބޭނުންވެ ޑިމޮކްރެޓްސް އިޚްތިޔާރު ކުރި ވާހަކައެވެ. 

"ޑިމޮކްރެޓްސްއިން އެންމެ ފުރަތަމަ ބޭއްވި ޓޭކް ޔޫތް ސްޓޭންޑް ވޯކްޝޮޕް. އެ ތަނަށް ދިޔައީ ޕޮލިޓިކަލް އެވަރނަސް އެންޑްމި ސިވިކް އެޑިއުކޭޝަން ޗެނަލް ފަށައިގަތުމަށް ޓަކައި, މި ތާންގައި އުޅޭ ޔޫތުންނާ ވާހަކަ ދައްކާލާ, ޚިޔާލު ހޯދާލަން ދިޔައީ. އެ ތަނުން ޑިމޮކްރެޓްސްގެ ޓީމާއި ދިމާވެ، އެމީހުން މަސައްކަތް ކުރާ ގޮތުގެ ވައްޓަފާޅި ކަމުގޮސްގެން ދެން ނިންމީ އެ މީހުންނާއެކުގައޭ މަސައްކަތް ކުރާނީ. އެ މީހުންނާ އަހަރެންގެ ޚިޔާލުތައް ހިއްސާކުރީމަ, އެމީހުން އަހަރެން ބަލައިގަތީ" ހަމްދާ ބުނީ ޑިމޮކްރެޓްސްގައި އޭނާ މަސައްކަތް ކުރަމުން އަންނަނީ އެތަނުން އޭނާ ފަދަ ޒުވާނުންގެ ވާހަކަތައް ބަލައިގަންނާތީ ކަމަށެވެ.

" އެ ތަނުން [ކުރިން މަސައްކަތް ކުރި ޕާޓީ] އެތަށް މަހެއް ވީއިރު ނުލިބުނު ފުރުސަތު ޑިމޮކްރެޓްސްއިން މި ފާއިތުވި ދެ މަސް ތެރޭގައި ޑިމޮކްރެޓްސް އިންހޯދައި ދީފި"

ހަމްދާ ބުނީ ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްއަކުން އޭނާ ފެނިގެން ދިޔަ ނަމަވެސް, އޭނާއަކީ ޘަނާ ކިޔާނެ މީހަކަށް ނުވާނެ ކަމަށެވެ. އަދި އަމިއްލަ ޕާޓީގައި ވެސް ގޯސްކޮށް ކަމެއް ހިނގާ ނަމަ އެކަމަށް އެއްބާރުލުން ނުދޭނެ ވާހަކަ އޭނާ ބުންޏެވެ.

"މިހެން ބުނެލަން ވަރަށް ބޭނުން، ހަމްދާ ކުރިން ވެސް ބުނިހެން ހުރިހާ އެންމެން ހިތްހަމަ ޖެހޭނެހެން ހުރިހާ ކަމެއް ސަރުކާާރަކަށް ނުކުރެވިދާނެއޭ. އެހެން ނަމަވެސް ކޮމަން މިނިމަމް ހާސިލު ކުރެވޭނެހެން ޕާރޓީގެ ސިޔާސަތު ކަނޑައަޅާ ތަންފީޒުކުރާ ހާހިނދަކު ޑިމޮކްރެޓްސްއާ އެކު ދެމި ހުންނާނަން.  ޑިމޮކްރެޓްސްއިން ވެސް ރައްޔިތުންނަށް ގޯސްކޮށް ކަމެއް ކުރާ ނަމަ އެއަށް ތާޢީދެއް ނުކުރާނަން. " ހަމްދާ ބުންޏެވެ.

ޑިމޮކްރެޓްސް ޖަލްސާއެއްގައި ހަމްދާ.. ދެން އިމޭޖްސް

ވޯޓްލާންވީ މަންމަ ބުނެގެން ނޫން, ނަގަންވީ އިންފޯމްޑް ޑިސިޝަންސް

ހަމްދާއާ މީގެ ކުރިން ދިމާވި ފަހަރު ވެސް ތަކުރާރުކޮށް ދެއްކި އެއް ވާހަކައެއް އޮވެއެވެ. އެއީ ވޯޓްލާން ޖެހޭނެ ކަމަށް ބުނާ ވާހަކައެވެ. ދިވެހި ރައްޔިތަކަށްވުމުން ލިބޭ ފައިދާ އެކު, ޒިންމާތަކެއް ވެސް ބޮލުގައި އެޅޭ ވާހަކައެވެ. އެ ޒިންމާ އަދާ ކުރަންވާނީ ނިކަން ރަނގަޅަށް ދިރާސާކޮށް, ވިސްނައިގެން ކަމަށް ބުނާ ވާހަކައެވެ. އަމިއްލަ މީހާގެ ފައިދާއަށް ވުރެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް އިސްކަންދީގެން ކަމަށް ބުނާ ވާހަކައެވެ. އިންސާނިއްޔަތު ކަމަށް ކުރާ ލޯބި ކުލައަށް ވުރެބޮޑު ވާން ޖެހޭ ވާހަކައެވެ.

މިއަދު ވެސް އެ ވާހަކަތައް ތަކުރާރު ކުރިއެވެ. އަދި ޒުވާނުންނާ އޭނާ ދައްކާފައިވާ ވާހަކަތަކާއި, ބައެއް ޒުވާނުންގެ ވާހަކަތަކުގެ ވީޑިއޯތައް ވެސް އަހަރެންނާ ހިއްސާ ކުރިއެވެ.

"އަހަރެމެންގެ ކަންކަން ނިންމާނީ އަހަރެމެން. ވޯޓްލާން ދާންވީ, ވަކި މީހަކަށް ވޯޓް ލާ ވާހަކައެއް ނޫން މިދައްކަނީ. ވޯޓް ލާށޭ, ވޯޓުލާންވާނީ އަމިއްލަ އިޚްތިޔާރުގައޭ، ބަލާ ހޯދާފައޭ" މިއީ ޒުވާނަކާ ދެއްކި ވާހަކައިން ކުޑަ ތަންކޮޅެކެވެ.

ހަމްދާ "ދެން"އަށް އިންޓަރވިއުދެނީ

ހަމްދާ ދެއްކީ ރަނގަޅު ވާހަކައެވެ. ޒުވާނުން ސިޔާސީވާން ޖެހޭ ވާހަކައެވެ. ސިޔާސީ ވުމަކީ ކޮންމެހެން ޕޯޑިއަމްތަކަށް އަރާ ވާހަކަ ދެއްކުމެއް ނޫނެވެ. ނޫނީ ސިޔާސަތު އެކުލަވާލުމުގައި ބައިވެރިވުމެއް ވެސް ނޫނެވެ. ޒުވާނުން އެކަމުގެ ތެރޭގައި ވެސް އުޅެން ޖެހެއެވެ. ނަމަވެސް ހުރިހާ. ޒުވާނުންނަކީ ވެސް "އިންފޯމްޑް ޑިސިޝަން" ނުވަތަ ކަމުގެ ވާނުވާ އެނގިގެން ގޮތް ނިންމާ ބަޔަކަށްވާން ޖެހެއެވެ.

މިކަން ކުރުމަށް ޒުވާނުން ސިިޔާސީ މީހުން ދައްކާ ވާހަކަތައް އަޑު އަހަން ޖެހެއެވެ. މީސްމީޑިއާއަކީ ހަމައެކަނި ތިމާގެ "ނިއުސް ސޯސް"އަށް ހަދައިގެން މިކަމެއް ނުވާނެއެވެ. މީހަކު ދައްކާހާ ވާހަކައެއް ވެސް ޤަބޫލު ކުރަން ނުޖެހެއެވެ. ދައްކާ ވާހަކައާ ކުރާ ކަމާ ދިމާވޭތޯ ވެސް ބަލަންވާނެއެވެ. ތަރައްޤީ ކުރާ ވާހަކަ ދައްކާއިރު, ތަރައްޤީ ކުރެވޭތޯ ބަލަންވާނެއެވެ. އަމިއްލައަށް ރިސާޗް ހަދަންވާނެއެވެ. މިފަހަރު ވޯޓްލާންދާންވާނީ ރިސާޗްހަދާ, ފައިންޑިންސްތައް ހޯދާ, އިންފޯމްޑް ކޮންކްލޫޝަނަކަށް އައިސްގެންނެވެ. މިއީ ހަމްދާ ހިއްސާކުރި ވާހަކަތެކެވެ.

"ޒުވާނުން ކައިރީގައި އަޑު އުފުލާށޭ މި ބުނަނީ ކޮންމެހެން ސިޔާސީ ޕާޓީ ޖަގަހައިގައި ހަރަކާތްތެރިވާކަށް ނޫން. ގޭގައި ހުއްޓަސް, ސިޔާސީ މަޝްރަޙްގައިވާ ކަންތައްތައް އެނގޭށޭ. އެނގިހުރެ ޑެސިޝަންތައް ނަގާށޭ"

އެސެޓަކަށްވާންވީ, ލައިބިލިޓީއަކަށް ނޫން

ހަމްދާ ޒުވާނުންނަށް ދޭން އޮތީ މުހިންމު މެސެޖެކެވެ. އެއީ ބޭނުންހިފޭ, ބޭނުންތެރި މީހަކަށް ވުމަށެވެ. އެސެޓަކަށް ވުމަށެވެ. ލައިބިލިޓިއަކަށް ނުވުމަށެވެ. 

“ހަމްދާ ހޯދި ހޯދުންތަކާއި ކިޔެވި ކިޔެވުމުން ވެސް ތާރީހުން ވެސް އެގެން އޮތީ ރޫލް ފޯ ރޫލާރސްގެ އުސޫލަކީ އަބަދުވެސް މިއީކަން. ނަމަވެސް ވެރިން ސިޔާސަތު ކަނޑައެޅުމާއި ޚިދުމަތް ދިނުމުގައި އަބަދުވެސް އެބަޔަކަށް ބޮޑު ތަރުޙީބެއް ދީ، ސިޔާސީ ކަންކަން، މިސާލަކަށް ވޯޓުލުމާއި، އަޑު އުފުލުމާއި، ބިނާ ކުރަނިވި ފާޑު ކިޔުމާއި، ޕެޓިޝަން ހުށައެޅުމާއި، މަދަނީ ބަސްނޭހުމާއި މިފަދަ ކަންކަމުގައި ހަރަކާތްތެރިވެ އުޅޭ ބަޔަކަށް އިސްކަންދޭނެ. އެއީ އެބައެއްގެ ތަރުޙީބު ވެރިން ބޭނުންވާނެތީ، އެބަޔަކަށް ރަނގަޅުވާނެ ގޮތް ހޯދައިދޭން މަޖުބޫރު ވާނެ.” ހަމްދާ ދެއްކީ ޒުވާނުން އެބުނާ ސިޔާސީ ވުމެއް ވާންވީ ގޮތުގެ ވާހަކައެވެ.

”އަހަރެމެން ބޭނުންވާ މި ބަދަލު ގެނެވޭނީ އަހަރެމެންނަށް ކަމުގައި ދެކިގެން އެމީހަކަށް ވަގުތު ދެވުނު މިންވަަރަކުން ފަރުދީ ޒިންމާ މިފަދަ ކަންކަމުގައި އަދާކުރަން އެބަޖެހޭ. ތަރައްޤީ ބޭނުން ނަމަ، ބަދަލު ބޭނުން ނަމަ ފަރުދީ ޒިންމާ އަދާ ކުރޭ. ނުކޮށް ގޭގައި ޝަކުވާ ކުރަން، ވެރިންނަށް ފާޑު ކިޔަން، ބަދަލު ގެންނަން މަސައްކަތް ކުރާ ބަޔަކަށް މަލާމާތް ކުރުމުގެ ބޭނުމެއް ނެތް. ވާންވީ އެސެޓަކަށް، ލައިބިލިޓީއަކަށް ނޫން.." .

ހަމްދާ "ދެން"އާ ވާހަކަ ދައްކަނީ

ސިޔާސީ މައިދާނަށް ހަމްދާ ކިތަންމެ ޅަ ޔަސް, އަހަރެންނާ ދެއްކި ވާހަކަތަކުން އޭނާގެ ވިސްނުން ހަރުކަން ސާފުކޮށް އެނގެން ދިޔައެވެ. އެ ޒުވާނާގެ ވިސްނުން އެހުރީ އަހަރެމެން އެދޭ ފަދަ ބަދަލެއް ދިވެހި ރާއްޖެއަށް ގެނައުމަށެވެ. ގިނަ ޒުވާނުންގެ އުދާސްތައް ހިފައިގެން ނިކުމެ, ބޮޑު މަޝްވަރާއެއް ހުޅުވާލި, މި ޒުވާނާ ބޭނުންވަނީ ޒުވާނުން މި ދާއިރާއިން ފެނުމެވެ. ޒުވާނުން މި ދާއިރާއަށް ވަނުމެވެ. ގޮތް ނިންމަން ޒުވާނުން ތިބުމެވެ. ގޮތް ނިންމާ ބަޔަކު އިޚްތިޔާރު ކުރުމުގައި ޒުވާނުންގެ ރޯލް ބޮޑު ކުރުމެވެ. މިކަންވާންވީ ޒުވާނުން ސިޔާސީ ވެގެންނެވެ. އަމިއްލަ ޒިންމާތައް އަދާކޮށް, މީހަކު ބުނެގެން, އެ މީހަކު ބުނާ މީހަކަށް ވޯޓް ދިނުން ނިމުމަކަށް ގެނެސްގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!