މި ރެސްޓޯރެންޓުން ކާން ލިބޭނީ މީހާގެ ބަރުދަން ބެލުމަށް ފަހު
ޗައިނާގެ ރެސްޓޯރެންޓެއްގައި ބަރުދަން ބެލުމަށްފަހު، ބަރުދަނާ އެކަށޭނެ ގޮތަށް ކާ އެއްޗެހި ދޭ އުސޫލެއް ހަމަޖައްސައިފިއެވެ.
އެ ރެސްޓޯރެންޓުން މިގޮތަށް ބަދަލުކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކާބޯތަކެތި އިސްރާފު ކުރާ މިންވަރު މަދުކުރުމަށް އެގައުމުގެ ރައީސް ބޮޑު ކެމްޕެއިނެއް ފެއްޓެވުމާއި ގުޅިގެންނެވެ.
ޗައިނާގެ ޝަންގްޝާގައި ގެރި މަހުގެ ކެއުންތަކަށް ހާއްސަ ކޮށްގެން ހިންގަމުން އަންނަ މި ރެސްޓޯރަންޓުން ވަނީ މި ކެމްޕެއިނާއެކު، ރެސްޓޯރެންޓަށް ވަނުމުގެ ކުރިން ބަރުދަން ބެލުމުގެ އިންތިޒާމު ހަމަޖައްސައި، އައު މެނޭ އެއް ތައާރަފްކޮށް އެމީހެއްގެ ބަރުދަނާ ގުޅޭ އަދި އެމީހަކަށް އެންމެ އެކަށޭނަ ކެއުންތައް ދޭން ފަށާފައެވެ.
ނަމަވެސް މި ރެސްޓޯރެންޓު މިގޮތަށް ބަދަލު ކުރުމުން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ފާޑުކިޔުންތަކަށް ޖަވާބު ދީ ރެސްޓޯރެންޓުން ބުނެފައިވަނީ އެއްވެސް ހާލެއްގައި ބަރުދަން ބަލަން ފެށީ ނައްސިކަން ފެތުރުމަށް ނޫން ކަމަށާއި ބަރުދަން ބެލުމަށް ކަސްޓަމަރުންނަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމަށެވެ.