ޚަބަރު ސިޔާސީ

މި ދައުރު ނިމިގެންދާއިރު ދިވެހި އެއްވެސް ރައްޔިތަކު ނަޖިސްފެން ބޭނުންކުރަން ނުޖެހޭނެ: މިނިސްޓަރު ޝާހިދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ފުރަތަމަ 5 އަހަރުގެ ދައުރު ނިމިގެންދާއިރު ދިވެހި އެއްވެސް ރައްޔިތަކު ނަޖިސްފެން ބޭނުންކުރަން ނުޖެހޭނެކަމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝާހިދު މިހެން ވިދާޅުވީ ރައީސް ޞާލިޙުގެ އަރިހުގައި ރިޔާސީ ކެމްޕޭނުގައި ހދ. ހަނިމާދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށްދިނުމުގެ މަސައްކަތްތައް ކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭގެ ހެއްކެއް ގޮތުގައި ޝާހިދު ފާހަގަކުރެއްވީ، އެ މަސައްކަތުގެ ދަށުން 141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު 152 ރަށުގައި ބަނދަރުގެ މަޝްރޫއު އަދި 150 ރަށުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށެވެ.

އެހެންކަމުން ރައީސް ޞާލިޙުގެ މި 5 އަހަރުގެ ނިމޭއިރު، ނަޖިސް ފެނުން ފެންވަރާ އަދި އެ ފެން ބޯން ޖެހޭ ރައްޔިތެއް މިރާއްޖޭގައި ދިރިނޫޅޭނެ ކަމަށާއި ރާއްޖެއަށް ގެންދެމުންދާ ތަރައްގީއާއެކު މިއަދު ހުރިހާ ރައްޔިތުން ވެސް ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއަށް ދިއުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބޮޑުތިލަދުންމައްޗަށް ހަގީގީ ތަރައްޤީއެއް ގެނެސްދެއްވީ ރައީސް ޞާލިޙުކަމަށް އިޝާރާތްކުރައްވަމުން ޝާހިދު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ލިބެމުންދިޔައީ 75 އަހަރު ފަހުން ކަމަށާއި ތަރައްޤީގެ މަޝްރޫއުތަކާއެކު މީހުން ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.  އެގޮތުން ހިލޭ ޑިގްރީ ސިޔާސަތުގެ ދަށުން މިއަދު ވެސް 1200 އަށްވުރެ ގިނަ ދަރިވަރުން ކިޔެވަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!