ލައިފްސްޓައިލް ސިއްޙަތު

ކުޑައިރު ގެވެށި އަނިޔާއަށް ހުށަހެޅޭނަމަ ދަރިމައިވުމަށް ދަތިވެދާނެ: ދިރާސާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އަންހެން ކުދިން ޅަފަތުގައި ގެވެށި އަނިޔާ އާއި ޖަޒުބާތީ އިހުމާލުވުންތަކަށް ހުށަހެޅޭނަމަ މާބަނޑު ދުވަސްވަރު ކޮމްޕްލިކޭޝަންތައް ކުރިމަތިވުމާއިއެކު ވިހެއުމުގެ ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

Ads by STELCO

އޯޕަން އެކްސެސް ޖާނަލް ބީއެމްޖޭ އޯޕަންގައި ޝާއިއުކޮށްފައިވާ އެނަލިސިސްއަކުން ދައްކާ ގޮތުގައި ގެވެށި އަނިޔާފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހޭ ކުދިންނަށް ދަރިމައިވުމުގެ މައްސަލަތަކާއި ގުރިމަތިލާން ޖެހިދާނެ އެވެ. އަދި ކުއްޖާ އުފަންވާއިރު ބަރުދަން ލުއިވުމާއި އެފަދަ ކުދިން ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަންވެސް އާންމުކޮށް ދިމާވެދާނެކަމަށް ދިރާސާގައި ބުންޏެވެ.

މީގެ އިތުރުން މާބަނޑު ދުވަސްވަރު ހަކުރު ބަލި، ލޭމައްޗަށް ދިޔުން، ޑިޕްރެޝަން ނުވަތަ ހާސްކަމާއި ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ދިރާސާގައި ބުންޏެވެ.

މީގެ ކުރިން ހެދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އަންހެން ކުދިން ޅައިރު ކުރިމަތިވާ ޓްރޯމާތަކަކީ އެކުދިން ބޮޑުވާއިރު ސިއްހަތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އެހެންނަމަވެސް މާބަނޑު ދުވަސްވަރު ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަން ސާފުކޮށް ކުރިން ބުނެދީފައެއް ނުވެ އެވެ. މިކަން އިތުރަށް ދިރާސާ ކުރީ 1994 ވަނަ އަހަރުން 2022 އާއި ދެމެދު ހަދާފައިވާ ހުރިހާ އެނަލިސިސްތައް އަލުން މުރާޖައާކުރުމަށްފަހު އެވެ.

މި މުރާޖައާތަކުން ދައްކާ ގޮތުގައި ޅައިރު ޓްރޯމާއާއި ކުރިމަތިލާން ޖެހިފައިވާ ކުދިންނަށް ވިހެއުމުގެ ދަތިތައް ކުރިމަތިވުން 37 އިންސައްތަ އިތުރެވެ. އަދި އެފަދަ އަންހެނުން ސިޒޭރިއަން ހަދަން ޖެހުމުގެ ފުރުސަތު 31 އިންސައްތަ އިތުރުކަމަށް ދިރާސާއިން ދައްކަ އެވެ.

އެދިރާސާގައި ބުނީ މިއީ ހުޅަނގާއި އެމެރިކާގެ ގައުމުތަކުގައި ހަދާފައިވާ ދިރާސާއެއް ކަމުން އެހެން ސަރަހައްދުތަކުގެ މީހުންނާއި މި ހޯދުންތައް މުޅިން ޖެނެރަލައިޒް ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ކުޑައިރުގެ ޓްރޯމާތަކުގެ އަސަރު މީގެ ކުރީގެ ދިރާސާތަކުގައި ޖެނެރަލައިޒް ކުރެވިފައި ހުރިކަން އޭގައި ފާހަގަކުރި އެވެ.

އިތުރަށް އޭގައި ބުނީ މިފަދަ ދިރާސާތަކުގެ އެންމެ ބޮޑު ބޭނުމަކީ ޅަފަތުގައި ކުދިންނަށް ލިބޭ ގެވެށި އަނިޔާއިން އެކުދިން ރައްކާތެރިކުރުމެވެ. އޭގެ ތެރޭގައި ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާވެސް ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!