ޚަބަރު ސިޔާސީ

ޙަސަން ޒަމީލް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

މި ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ނާއިބުގެ މަޤާމުގައި ހުންނެވި ޙަސަން ޒަމީލު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންސް (އީސީ) އަދި ހުށަހަޅުއްވައިފިއެވެ. ޒަމީލްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމެވެ.

Ads by Sosun Fihaara

މިއަދު ޒަމީލްގެ ފޯމު ހުށަހެޅުމަށްޓަކައި ދަރުބާރުގެއަށް ވަޑައިގެންފައިވަނީ އޭނާގެ އަނބިކަނބަލުންނާއި އިންތިހާބީ އޭޖެންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޒަމީލްގެ ދަރިކަލުން އަޙްމަދު މަހުރާން ޒަމީލާއެކުގައެވެ. މި ފޯމު ބަލައިގަނެފައިވަނީ އީސީގެ ރައީސް ފުއާދު ތައުފީޤުއެވެ.

ޑިފެންސް މިނިސްޓްރީގެ ނާއިބުގެ މަޤާމުގައި ހުންނެވުމަށްފަހު ޒަމީލް މަޤާމުން އިސްތިއުފާދެއްވާފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ.

ޒަމީލްއަކީ މީގެ ކުރިންވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ޒަމީލްއަކީ ޤާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ޒަމީލްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސާފައިވާ އަނބިކަނބަލުން މަރިޔަމް އަލީމް ވެސް ވަނީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން އެޓޯލްސް މިނިސްޓްރީގައި 21 އަހަރު ހިދުމަތް ކުރައްވާފައިވާއިރު، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި 11 އަހަރު ހިދުމަތް ކުރައްވާފައިވެއެވެ.

މި އަންނަ ސެޕްޓެންބަރު މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުޞަތު މިއަދު މެންދުރު 2:00 ގައި ހަމަވާނެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ކެންޑިޑަސީ ފޯމު ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބްރާހީމާއި އެމްއެންޕީގެ ކެންޑިޑޭޓު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މަޢުމޫން ޢަބްދުލްޤައްޔޫމް އަދި އުމަރު ނަޞީރުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!