ޚަބަރު ސިޔާސީ

އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވާނީ ސިއްޙަތު: ޤާސިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވާނީ ސިއްޙަތުކަމަށާއި، އެއަށްފަހު ތަޢުލީމާއި ބުއްދިވެރިކަމާއި އަދި އޭގެ މައްޗައް ތަޖުރިބާކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖޭޕީގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކުރުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއް ބައްޓަންކުރެވިގެންދާނީ، މިދެންނެވި ކަންތައްތަކަށް މަގުފަހިވާގޮތަށް ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި އެހެން ޤައުމުތަކަށް ބޭސްފަރުވާގެ ޚަރަދުކުރަން ދާން ނުޖެހޭވަރަށް، ރާއްޖޭގައި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށް، އެކަމަށް ޤާބިލް މީހުން ތައްޔާރުކޮށް، އެތަންތަނުން ފަރުވާ ލިބޭނޭ އިންތިޒާމް ހަމަޖައްސައިދޭނެކަމަށެވެ.

ޤާސިމް ވިދާޅުވީ ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށްޓަކައި ބަލިމީހަކު ފޮނުވަން ޖެހިއްޖެނަމަ، ބަލިމީހާއަށާއި އެހީތެރިޔާއަށް ހަމައެކަނި ދެކޮޅު ޓިކެޓް ދީފައި ހޮސްޕިޓަލުން ބޭނުންވާ ބަޔަކު ބޭރަށް ފޮނުވާފައި އަނެއް ބަޔަކު ނުފޮނުވުން ފަދަ ތަފާތުކުރުންތައް ނުގެންގުޅޭނެކަމަށާއި ދެކޮޅު ޓިކެޓުގެ އިތުރުން، ކެއުން ބުއިމާއި ހުރުމުގެ ޚަރަދު އެމަނިކުފާނުގެ ވެރިކަމެއްގައި ދެއްވާނެކަމަށެވެ.

"ޓިކެޓްވެސް ލިބޭނެ، ކާން ބޯން، ހުންނަތަނަށް ޚަރަދުވެސް ލިބޭނެ، އަޅުގަނޑުމެން ބޭރަށް ފޮނުވާ އެއްވެސް ބަލި މީހަކަށް، އެ ފައިސާ އެގޮތަށް ޚަރަދު ކުރެވޭނެ ނިޒާމް، ސަތޭކަ ދުވަހުގެ ތެރޭގައި ހަމަޖައްސާނަން" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ މިހައިތަނަށް ބައެއް ވަޢުދުތައް ކެމްޕެއިން ޖަލްސާތަކުގައި އިޢުލާނު ކުރައްވައިފައެވެ. ޤާސިމް ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތަށް ބަދަލު ގެނެސް މިހާރު ދެމުންދާ އިނާޔަތް ބޮޑު ކުރައްވާނެ ކަމުގެ ވެސް އިޝާރާތެއް ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!