ހާއްސަ ހުއްދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދާ އިތުރު 18 މީހަކު މިއަދު ފުރުވާލައިފި
ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ވައިގެ މަގު އަދި އާންމުކޮށް ހުޅުވާލާފައި ނުވި ނަމަވެސް ރާއްޖެއަށް ދީފައިވާ ހާއްސަ ހުއްދައިގެ ދަށުން ބޭސް ފަރުވާއަށް ދާ ފަސްވަނަ ބެޗު މިއަދު ފުރައިފިއެވެ.
އާސަންދަ އިން ބުނީ މިއަދު ހަވީރު 4:15 ގައި ފުރި މި ބެޗްގައި އާސަންދައިގެ ހަރަދުގައި 18 ބަލިމީހުންނާއި 18 އެހީތެރިން އަދި 4 މެޑިކަލް އެސްކޯޓުން ގެންގޮސްފައިވާ ކަމަށެވެ.
މި ބެޗްގެ ބަލި މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ ހޮސްޕިޓަލުން ކަމަށް އާސަންދަ އިން މައުލޫމާތު ދެއެވެ.
އާސަންދަ އިން ވަނީ މި ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
އިންޑިއާ އަށް މިއަދު ދިޔަ ބަލި މީހުންނާއި އެހީތެރިކަން އެގައުމުން ކޮވިޑަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާއިރު، އެގައުމުގައި 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާނެއެވެ. ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަހަށްފަހު ހަދާ ޓެސްޓުގެ ނަތީޖާ ބައްޔަށް ނެގެޓިވް ވުމުންނެވެ.
އާސަންދައިގެ ހަރަދުގައި ބޭސްފަރުވާ އަށް މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން އިންޑިއާ އަށް ފޮނުވާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.