ޚަބަރު

ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަން އަންނަ ހަފްތާގައި ޝާއިއުކުރާނެ: މަހްލޫފް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން އާންމު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓްރީގެ ބިޑް ކޮމިޓީން ކުރާ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން ޢާންމުކުރަން ނިންމާފައިވާ ކަމަށެވެ. ޔޫތު މިނިސްޓްރީއަކީ އަތޮޅުތަކުގައާއި މާލޭގައި ކުޅިވަރުގެ ގިނަ ފެސިލިޓީތަކެއް ޤާއިމްކުރުމަށާއި، މަރާމާތަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އެއް މިނިސްޓްރީއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ހިންގާ އެކި މަސައްކަތްތަކުގެ ބިޑް މަރުހަލާގެ މަޢުލޫމާތު ޢާންމު ކުރުމުން ކުރިމަތިލާ ފަރާތްތަކަށް ވެސް މިކަމުން މުހިންމު އަދި ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.

"ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން ޢާންމުކުރަން ނިންމާފައިވާ ވާހަކަ ދަންނަވަން. މިއީ ބިޑްކުރާ ހުރިހާ ފަރާތްތަކަށް މުހިންމު މަޢުލޫމާތަކަށް ވެގެންދާނެ. މި މަޢުލޫމާތުތައް ރައްޔިތުންނަށް އާންމު ކުރުމަކީ މުހިންމު ކަމެއް" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ކަންކަން އިތުރަށް ޙަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށްގެންދާ ބީލަންތައް އިވެލުއޭޝަން މަރުހަލާގެ ޚުލާސާ، މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުގައި އާންމުކުރުމަށް އެ މިނިސްޓްރީންވެސް ވަނީ ނިންމާފައެވެ.

ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށްގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ޚުލާސާ، މިދިޔަ ހަފުތާ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިޢުކުރަން ފަށާފައެވެ.

އެ މިނިސްޓްރީން ބުނީ އިވެލުއޭޝަން މަރުޙަލާގެ ޚުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާ، އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވާނޭ ކަމަށެވެ. އަދި ބީލަން ކާމިޔާބުނުވާ ފަރާތްތަކަށް އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާ ވެސް ހިމަނާފައި ވާނެކަމަށާ، މީގެ އިތުރުން މަސައްކަތް އެވޯޑުކޮށްފައިވާ އަގާއި މުއްދަތު ހިމެނޭހެން ހުއްދަ ދީފައިވާ ދުވަހާއި ހުއްދަދިން ފަރާތުގެ މަޢުލޫމާތު ހިމަނާފައި ވާނެކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!