ހިޔާލު ތަފާތުވިޔަސް ތަރައްޤީއަށް ކުރަންޖެހޭ ކަންތައްތަކުގައި އެކައްޗެއް ކިޔުއްވަން ރައީސް ޞާލިޙް އިލްތިމާސްކުރައްވައިފި
ހިޔާލު ތަފާތުވިޔަސް ތަރައްޤީއަށް ކުރަންޖެހޭ ކަންތައްތަކުގައި އެކައްޗެއް ކިޔުއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުރިހާ ސިޔާސީ ލީޑަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކަށް ރާއްޖެތެރެއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ނ އަތޮޅަށް ވަޑައިގެން އެ އަތޮޅު މަނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ހިޔާލު ތަފާތުވިޔަސް ވާހަކަ ދެކެވެންޖެހޭނެކަމަށާއި ގައުމުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގައި އެކައްޗެއް ކިޔުއްވަން ޖެހޭނެ ކަމަށެވެ.
"ރައްޔިތުން ގޮތެއް ނިންމީމައި އެއާއެކީ އަޅުގަނޑޫމެން ކުރިއަށްދާން އެނގެންޖެހޭނެ. އަޅުގަނޑުގެ އިލްތިމާސްއަކީ ސިޔާސީ ހުރިހާ ޕާޓީތަކުގެ ލީޑަރުން މިއާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާށެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައްޔިތުން އެދޭގޮތް ހުރިހާ ސިޔާސީ ލީޑަރުން ވަޑައިގަންނަވާ ކޮންމެ ރަށަކުން މިހާރު ފެނިވަޑައިގަންނަވާނެކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަރައްގީއާއި އިސްލާހީ ބަދަލުތަކާއި އަދި ނުލިބި ހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިއަދު އިރާދުކުރެއްވިއްޔާ އެ މަސައްކަތް އެދަނީ ފުރިހަމަވަމުންކަމަށާއި އެކަމުގެ ބިންގާ އެޅިއްޖެކަމަށެވެ.
އަދި ދެން ބޭނުންފުޅުވަނީ ބިންގާ އެޅުނު މަސައްކަތައް ފުރިހަމަކޮށްދެއްވުންކަމަށާއި އެކަމަށް ވަގުތު ބޭނުންފުޅުވާކަަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު މީ "ހަމަނޭވާ ލާން ވީ" ދުވަސްކަމަށާއި އަނިޔާވެރި ދުވަސްތަކެއް ރައްޔިތުންނަށް ފެނިފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެ އަނިޔާވެރިކަމާއި އެ ހަލަބޮލިކަމުން މިންޖުވެ ރާއްޖެ ތަރައްގީކުރަން މަސައްކަތްތަކެއް ކުރަން ޖެހިއްޖެކަމަށާއި އެކަމުގެ ޒިންމާ އެންމެ ބޮޑަށް އެޅިފައި އޮތީ ސިޔާސީ ލީޑަރުންގެ ބޮލުގައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ބައެއް ބޭފުޅުންނަށް އެމާޒީގެ އެދުވަހުން އަރައިނުގަނެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މީ ހަމަނޭވާ ލާން ވީ ދުވަސް، އެ އަނިޔާވެރިކަމާއި އެ ހަލަބޮލިކަމުން މިންޖުވެ ރާއްޖެ ތަރައްގީކުރަން މަސައްކަތްތަކެއް ކުރަން ޖެހިއްޖެ. މިކަމުގެ ޒިންމާ އެންމެ ބޮޑަށް އެޅިފައި އޮތީ ސިޔާސީ ލީޑަރުންގެ ބޮލުގައި އެހެންނަމަވެސް އަދިވެސް ބައެއް ބޭފުޅުންނަށް އެމާޒީގެ އެދުވަހުން އަރައިނުގަނެވޭ. ހަމައެނބުރި ވަޑައިގަންނަވަނީ އެތަނަށް. ބައެއް ފަހަރު އެބަ ވަޑައިގަންނަވާ 1932 ގެ ތެރެއަށް. 40 ގެ ތެރެއަށް. ބަލަ އެއީ މާޒީއޭ. އެއަކަށް ދިވެހީން ދާކަށް ބޭނުމެއް ނުވޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ތަންތަނުގައި ހުޅުޖަހައި ރޯކޮށް، ޕެޓްރޯލްޖަހައި ކުލަޖަހައި ކަންތައްކުރީ އެދުވަސްވަރުގައި ކަމަށާއި އެކަން މިހާރު ނިމިއްޖެކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިއަދު އަޅުގަނޑުމެން މިތިބީ އެއަށްވުރެ ތަހްޒީބު ޑިމޮކްރަސީއެއްގައިކަމަށެވެ.