ޚަބަރު ސިޔާސީ

ރާއްޖޭގައި ޓެކްސް މިހާރު ބޮޑު ބުރައަކަށްވެއްޖެ, ނިޒާމު ބަދަލުކުރާނަން: އުމަރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގައި ޓެކްސް މިހާރު ބޮޑު ބުރައަކަށްވެއްޖެކަމަށާއި، އެ ނިޒާމަށް ބަދަލުގެންނަވާނެކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވެރިކަމަށް ވަޑައިގެން ރާއްޖޭގެ އިޤުތިސާދު ހަރުދަނާ ކުރަން ކުރާ މަސައްކަތުގެ ތެރެއިން ޓެކްސް ނިޒާމު ބަދަލުކުރައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވީ ޓީވީއެމްގެ "ރިޔާސީ ކެންޑިޓުންނާ އެކީ" ގެ ޕްރޮގްރާމްގެ މެހުމާނެއްގެ ގޮތުގައި ރޭ ބައިވެރިވަޑައިގެން އާންމުންގެ މީހަކު ފޯނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، އުމަރުގެ ވެރިކަމެއްގައި ރާއްޖެ އަށް އަންނާނެ އެންމެ ބޮޑު ކުރިއެރުމަކީ އިޤުތިސާދީ ގޮތުން ގެންނަ ބަދަލުތައް ކަމަށާއި، އެގޮތުން ސަަރުކާރުން ވިޔަފާރި ކުރުން ހުއްޓާލައި، ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރައްވާނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

"އާންމުންނާ ވާދަކުރަން ސަރުކާރުން ހިންގާ ހުރިހާ ވިޔަފާރިއެއް އަޅުގަނޑުގެ ސަރުކާރެއްގައި ހުއްޓާލައި އެ ވިޔަފާރިތައް ޕްރައިވެޓައިޒްކޮށް، ޕްރައިވެޓް ކުންފުނިތަކުގެ އަތްމައްޗަށް އެ ތަންތަން ދާނީ،... އެހެންވީމާ ރާއްޖޭގެ ވިޔަފާރި ސެކްޓާ ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ... އޭގެ މާނަ އަކީ ރަށްރަށުގައި ހުންނަ ކުދިކުދި ވިޔަފާރިތަކަކީ ޓެކްސް އިން އެއްކޮށް މިންޖުވެފައިވާ ކަންކަމަށްވެގެން ދާނެ. ޓެކްސް މިހާރު ވަރަށް ބޮޑު ބުރައަކަށްވެއްޖެ ހުރިހާ ރައްޔިތުންނަށް ވެސް." އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި މިހާރު ތަންފީޒުކުރަމުން އަންނަ ޓެކްސް ނިޒާމު ބަދަލުކޮށް، އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓައިލާނެ ކަމަށާއި، އުމަރުގެ ސަރުކާރެއްގައި ރާއްޖެ ހުރިހާ ގޮތަކުން ވެސް ދާނީ އަމާންއޮމާންކޮށްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެގޮތުން މުޅި ގައުމުގައި އަމައަމާންކަން ގާއިމުކެރި އިސްލާމީ ހުދޫދުގެ ތެރެއިން ގައުމުގެ ހުރިހާ ކަމެއް ވެސް ބައްޓަންވެގެން ދާނެ ކަމަށާއި އެބޭފުޅާގެ ސަރުކާރެއްގައު ރާއްޖެ އަކީ އިސްލާމީ ޝަރީއަތް ތަންފީޒުކުރާ ގައުމަށް ވާނެކަމަށް އުމަރު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!