ޚަބަރު އިޖުތިމާޢީ މީހުން ޓެކްނޮލޮޖީ

ސައިބަރ ކްރައިމްގައި ހިންގާ ލޯބީގެ ސްކޭމްތަކުން ރައްކާތެރިވުމުަށް ފުލުހުން އިލްތިމާސްކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތައް މިފަހަކަށް އައިސް ފުލުހުންނަށް ހުށަހެޅޭ މިންވަރު އިތުރުވެއްޖެކަމަށާއި އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

މިފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެއްކަމަށާއި މި މަކަރާއި ހީލަތް އާންމުގޮތެއްގައި ފެށެނީ އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މަންސަތައް ބޭނުންކޮށްގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

ޑޭޓިންގ ޕްލެޓްފޯމްތަކާއި މީސް މީޑިއާގެ އާއި އެހެނިހެން ވެބްސައިޓްތަކުގެ ޒަރީއާއިން މިފަދަ ކަންތައްކުރާއިރު، ދުރު ގައުމުތަކުން ގިނަފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދާކަމަށްވެއެވެ.

އެގޮތުން، އެފަދަ މީހުން ޕްރޮފައިލްތައް ހަދާއިރު، ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ފިކްޝަނަލް ނަންތަކާއި، އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުން ކޮށްގެން، ޕްރޮފައިލްތައް އުފައްދާކަމަށާއި ގިނަފަހަރަށް އެ މީހުންނަކީ ހިތްގައިމު، ކާމިޔާބު ބައެއްގެ ގޮތުގައި ސިފަކުރަނީ އެމީހުންގެ އަމާޒަށް މަގުފަހިކުރުމަށްކަމަށް ފުލުހުން ވިދާޅުވިއެވެ.

ސްކޭމްކުރާ މީހާ ޕޮޓެންޝަލް ވިކްޓިމަކާ ގުޅުވައިލުމަށްފަހު އެގުޅުން ބަދަހިކުރުމަށްޓަކައި ވަގުތާއި މަސައްކަތް އިންވެސްޓްކުރާއިރު، ވިކްޓިމްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް އެމީހުން ބޭނުންކުރަނީ އަނިޔާލިބުނު މީހާގެ ސިކުނޑިއާ ޖަޒުބާތީގޮތުން ކުޅެލުމާއި އޮޅުވާލުމާއި ލޯބީގެ ބަސްތަކެއްކަމަށާއި، މީހާގެ ކިބައިގައި ހުންނަ ބަލިކަށި ނުވަތަ ނާޒުކު ކަންކަން ދެނެގަންނެއެވެ.

މީގެ އިތުރުން، އެ ގުޅުން ކުރިއަށްދާ ވަރަކަށް ޚިޔާނާތްތެރިން މަސައްކަތްކުރަނީ އެމީހުންގެ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއާ އެކަހެރި ކުރުމަށްކަމަށްވާއިރު، ގިނަ ފަހަރަށް އަނިޔާލިބޭ މީހުންނަށް ހަމައެކަނި އެމީހުންނާ މުއާމަލާތުކުރުމަށް ބާރުއެޅުމުގެ ސަބަބުން އަނިޔާލިބޭ މީހާއަށް އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެފަދަ ގުޅުންތަކުގެ ތެރޭގައި ބައެއް ފަހަރު ޚިޔާނާތްތެރިވާ މީހުން މެޑިކަލް އިމަޖެންސީ، މާލީ ކާރިސާ ނުވަތަ ގާނޫނީ މައްސަލަތައް ފަދަ ފޭކް އިމަޖެންސީ ހާލަތްތައް އުފައްދާކަމަށާއި އެމީހުން މި ފެބްރިކޭޓެޑް އިމަޖެންސީތައް ބޭނުން ކޮށްގެން، އެމީހުންގެ ޝިކާރައަށްވާ މީހުންގެ އަތުން ފައިސާ ހޯދުމަށް އެދޭކަމަށެވެ. އަދި އިތުބާރު ގާއިމުވުމުން، ޚިޔާނާތްތެރިވާ ފަރާތްތައް މާލީ އެހީތެރިކަމަށް އެދެނީ އެމީހުންގެ ފޭކް އިމަޖެންސީތައް ހައްލުކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލުކުރަން ރޭވުމުގެ ނަމުގައި ކަމަށާއި ދަތުރުފަތުރުގެ ޚަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާކަމަށް އެމީހުން ބުނެފާނެކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.

ބައެއް ހާލަތްތަކުގައި ޚިޔާނާތްތެރިން އެމީހުންގެ ޝިކާރައަކަށްވާ މީހުން ބޭނުންކޮށްގެން ގާނޫނާ ޚިލާފަށްކުރާ ކަންކަމުން ހޯދާ ފައިސާ ލޯންޑަރ ކޮށްފާނެކަމަށާއި، އެމީހުން ވިކްޓިމަށް ވިސްނައިދެނީ އެމީހުންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ބަލައިގަތުމަށްފަހު، ޖިނާއީ ހަރަކާތްތަކުގައި ނޭނގި ބައިވެރިކޮށް އެހެން އެކައުންޓަކަށް ފައިސާ ޓްރާންސްފަރ ކުރުމަށްކަމަށްވާއިރު، އަނިޔާލިބުނު މީހާގެ އަތުން ފައިސާ ލިބުމުން، ސްކޭމްކުރާ މީހާ ގެއްލޭކަމަށާއި ނުވަތަ ވާހަކަދެއްކުން ހުއްޓާލައި ގުޅުންވެސް ކަނޑާލާކަމަށް ފުލުހުން ވިދާޅުވެއެވެ. 

އެހެންކަމުން ފުލުހުން ވިދާޅުވީ، މާއަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް، ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާމެދު ސަމާލުވެ، އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނުފޮނުވުމަށެވެ. އަދި އެމީހެއްގެ ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހިކޮށް، އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުސީލުތައް ހިއްސާކޮށް އެމީހެއްގެ ނަޒަރު ހޯދުމަށާއި ޝައްކުކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރުމަށް ފާހަގަކުރައްވަމުން ފުލުހުން ވިދާޅުވީ ލޯބީގެ ގުޅުންތައް ބިނާވާން ޖެހޭނީ މާލީ މުއާމަލާތުތަކާއި މަކަރާއި ހީލަތްހެދުމުގެ ޓެކްޓިކްސްގެ މައްޗަށް ނޫންކަމާއި އިތުބާރާއި އެކަކު އަނެކަކުގެ މައްޗަށް އިހުތިރާމުކުރުމުގެ މައްޗަށް ކަމަށް ހަނދާނުގައި ބެހެއްޓުމަށެވެ.

މީގެ އިތުރުން، ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުން އެއީ ފަރުދީ ޒިންމާއަކަށް ހަދުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!