ރައީސް ޞާލިޙް ރަށްރަށަށް ވަޑައިގަންނަވާއިރު ސިފައިން ހުއްޓުވާކަމަށް ބުނެ އިދިކޮޅުން ކުޅެނީ ޑްރާމާ، އެއީ ފޮޓޯގަނޑެއް ހޯދަން ކުރާ ކަމެއް: މާރިޔާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ކެމްޕޭންތަކަށް ރަށްރަށަށް ވަޑައިގެންނަވާއިރު، ސިފައިން އެރަށްތަކަށް އަރައި މީހުން ހުއްޓުވާކަމަށް ބުނެ އިދިކޮޅުން ބުނާ ވާހަކަތަކަށް ރައީސް ޞާލިޙްގެ ކެމްޕޭނު ތަރުޖަމާނު، މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރައްދުދެއްވައިފިއެވެ.
މިއަދު ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ 2018 ވަނަ ދުވަހުގެ މިދުވަހަށް ނުވަތަ އިންތިޚާބު ބޭއްވި އިރު ރާއްޖޭގެ ހާލަތު އޮތްގޮތް ދިވެހިން ހަނދާންނެތިފައިވާކަމަށެވެ. އެކަންކަން ހަނދުމަފުޅުކޮށްދެއްވަމުން މާރިޔާ ވިދާޅުވީ، އެ ބޭފުޅާއަކީ ބަންޑާރަނައިބުގެ އޮފީހުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެއްކަމަށާއި އިންތިޚާބުގައި ކެމްޕޭން ހަރަކާތްތަކުގައި މާރިޔާ ވިދާޅުވާ ވާހަކަތައް ކޮންމެ ދުވަހަކުވެސް އޭރުގެ ސަރުކާރުން އަޑުއައްސަވައި، އެ ވާހަކަފުޅުތަކުން މާރިޔާއާ ދެކޮޅަށް ދައުވާ ކުރެވިދާނެފަދަ ވާހަކައެއް ހޯދޭތޯ އަބަދު މުރާޖަޢާކުރަމުން ދިޔަކަމަށެވެ.
"ރައްޓެހިން އެތާ ތިބޭ މީހުން ބުނޭ ކޮންމެ ދުވަހަކު އަޅުގަނޑު ތިބޭފުޅުންނަށް ދައްކާ ހުރިހާ ވާހަކައެއް ގެންގޮސްގެން މުރާޖާ ކުރެޔޭ އަޅުގަނޑަށް އޭގެ ތެރެއިން ކުރެވޭނެ ދައުވާއެއް އޮތްތޯ ބަލަން" މާރިޔާ ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް އޭރުގެ ސަރުކާރުން ދައުވާކުރި ކަމަށާއި، ނޫސްވެރިންގެ ހުރިހާ މިނިވަންކަން އޭރު ދިޔައީ ގެއްލުމުންކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ ރަށް އޮތީ ނާމާންކަމެއްގަ ތެރޭގައިކަމަށާއި، މުޅި ތަނުގައި އެސްއޯއި ހިންގާފައި މިނިވަންކަމާއެކު ކެމްޕޭން ކުރެވޭނެ އެއްވެސް ގޮތެއް އޭރު ނެތްކަމަށެވެ.
ޕީޕީއެމްއަށް ނިސްބަތްކޮށް މާރިޔާ ވިދާޅުވީ މިއަދުވެސް އެބޭފުޅުންގެ އަަމަލުތައް ހުރީ ހަމަ އެފަދަ ގޮތަކަށް ކަމަށާއި ރަށްރަށަށް ފުލުހުންނާއި ސިފައިން އަރައި މީހުން ހުއްޓުވާކަމަށް ބުނަނީ އެގޮތަށް އެކަންތައް ދައްކަން ކަމަށާއި އެ ކަންކަން ފޮޓޯއަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫއަސްލަމް ކެމްޕޭނުގައި ރަށްރަށަށް އަރާވަޑައިގަތީމާ ފުލުހުންނާއި ސިފައިން އެބޭފުޅުން ހުއްޓުވާކަމަށް ނުވަތަ އެބޭފުޅުންނާ ދޭތެރޭގައި ދެރަގޮތަކަށް އަމަލުުކުރާކަން ދެއްކުމަށްޓަކައި، އެ ފޮޓޯގަނޑު ހޯދުމަށްޓަކައި އެބޭފުުން މަސައްކަތްތަކެއް ކުރައްވާތަން މި ފެނިގެންދަނީ.. ދެން ކެމްޕޭނަށް ހުރަސް އެޅުން މީ އޮތްކަމަކީ" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގައި ހޯޑެއްދޫގައި ހުންނަ އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހައި އެތަނަށް ގެއްލުން ދިން ވާހަކައާއި މަޑަވެލީގައި އެމްޑީޕީ ޖަލްސާ ބާއްވަން ހަމަޖެއްސި ތަނުގައި އަލިފާންޖަހައި ރޯކުރި ވާހަކައަށްވެސް މާރިޔާ އަލިއަޅުވާލެއްވިއެވެ. އަދި ރައީސް ޞާލިޙް ރަށަކަށް ވަޑައިގަންނަވާއިރަށް ފުލުހުންނާއި ސިފައިން އެރަށަކަށް އަރާ ވާހަކައަކީ ހުސް ވާހަކަތަކެއްކަމަށް މާރިޔާ ސިފަކުރައްވާފައިވެއެވެ.
މާރިޔާ ވިދާޅުވީ، ޤާނޫނު އަސާސީއަށް ބައްލަވައިފި ކަމަށްވާނަމަ، 236 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ސުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމައެކު އުޅޭވޭނެ މަގުތައް ތަނަވަސް ކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައި އޮންނަންވާނެކަމަށް ބުނެފައިވާކަމަށެވެ.
"ކެމްޕޭނު އެއީ ޑިމޮކްރެޓިކް ޕްރޮސެސްގެ ވަރަށް މުހިންމު ބައެއް. ކޮންމެ ކެނޑިޑޭޓަކަށްވެސް މިނިވަންކަމާއެކު ކެމްޕޭންކުރެވެން ޖެހޭނެ.. ކެމްޕޭނުގެ ތެރެއިން ރައްޔިތުނަންނަށް މި އޮޅުން ފިލަނީ ކޮން ކަމެއްކަން މި އަންނަ 5 އަހަރެއްގެ ތެރޭގައި އެ ކެންޑިޑޭޓެއް ކޯށްދޭން އެބުނެވެނީ. އެހެންވީމާ އެ އަޑު ރައްިތުންނަށް ފޯރުކޯށްދެވެންވެސް ޖެހޭނެ. އަދި ރައްޔިތުން މި އަޑު އަހާލަން ބިރުވެރިކަމެއްނެތި އެމީހުންނަށް އެ ހިސާބަށް އާދެވޭވަރުވެސް ކުރަން އެބަޖެހޭ.. ހަރުގެތައް އަންދާ ތެޔޮޖަހާ، މިކަހަލަ ކަންކަން ކުރަން، ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ 2018 ގެ ކެމްޕޭން ދިޔައިރުވެސް، އެމްޑީޕީ އިދިކޮޅުގައި އޮވެގެން މިކަހަލަ އެއްވެސް ކަމެއް އެމްޑީޕީގެ ފަރާތުން ފެނިފައެއް ނުވާނެ. މިއަދުވެސް ފެނިފައެއް ނޯންނާނެ." މާރިޔާ ވިދާޅުވިއެވެ.
އެހެންވީމައި ކެމްޕޭނަކީ އާންމު ކޮންމެ ރައްޔިތެއްގެ ޙައްޤެއްކަމަށާއި އެއީ މުޅި ޤައުމު އަދި މުޖްތަމަޢުގެ ޙައްޤެއްކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ ވޯޓު ލުމަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށާއި އެއީ ޤައުމީ ތަރައްޤީގައި ބައިވެރިވުންކަމަށެވެ.
އަދި ޤައުމީ ތަރައްޤީގައި ބައިވެރިވިޔަނުދޭން ބަޔަކު ހުރަސް އަޅައި އަޑުގަދަކޮށް އަޑު ނިއްވާލުމަށް މަސައްކަތްކުރާތީ އެކަން ކަމަށް ފުލުހުންނާާއި ސިފައިން އެޑްރެސް ކުރަން ޖެހޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.
"އެމްޑީޕީގެ މީހުންނެއް އެގޮތަށް ހުރަހެއް ނާޅާނެ. އެކަމަކު އެނޫން ބަޔަކުވެސް މިސާލަކަށް ޕީއެންސީ-ސަލަފުގެ ކެންޑިޑޭޓު މުއިއްޒު އަރާވަޑައިގަންނަވާއިރު އެ ކެންޑިޑޭޓަށް ހުރަސް އެޅުމަށްޓަކައި އެއްވެސް ބަޔަކު އެކަން ކުރާކަމަށްވަންޏާ ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ" މާރިޔާ ވިދާޅުވިއެވެ.
"އެހެންވީމާ އަދިވެސް އަޅުގަނޑު އިލްތިމާސްވެސް ދަންނަވާލާނަން. ފޮޓޯ ޝޮޓެއް ހޯދާލުމަށްޓަކައި އެކަން އިދިކޮޅޫ ފަރާތްތަކުން ނުކުރެއްވުމަށް"
އަދި ހުރިހާ ކެންޑިޑޭޓުންގެ އަޑު އިއްވުމަށް ފުރުޞަތާއި ޖާގަ ދެއްވުމަށާއި ޑިމޮކްރެޓިކް ޕްރޮސެސްއެއް އިޚްތިޔާރުކުރައްވައި ޕީޕީއެމުން ގޮތް ދޫކޮށްލުމަށް މާރިޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.