ޚަބަރު ސިޔާސީ

ރައީސް ޞާލިހު ވައުދު ނުފުއްދާތީ ފާޑު ވިދާޅުވެ ޣައްސާން އެދިލެއްވީ ވެރިކަން ބަދަލުކުރަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާތީ އެކަމަށް ފާޑުވިދާޅުވެ މި ސަރުކާރު ބަދަލުކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު އެދިވަޑައިގެންފި އެވެ.

Ads by STELCO

ޕީޕީއެމްގެ ތާއީދާއިއެކު ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނިކުންނަވާ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގދ. ފަރެސްމާތޮޑާގައި ހުންނަވައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު ނުވަތަ 100 ދުވަހުން ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަން ދައުރު ނިމޭއިރު ނުވެހުރި ކަމަށާއި އެކަންކަމުގެ ހާލަތު އެންމެންނަށްވެސް އެނގޭކަމަށެވެ.

މާލެއާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށީ ގުޅުވައިލަން އަޅާ ބްރިޖުގެ މަސައްކަތް ވަރަށް ބޮޑަށް ލައްވެފައި އޮތުމުން އެކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވީ އެމަޝްރޫއަށް އެކަނި ބަލައިލިޔަސް މި ސަރުކާރުގެ ސިޔާސީ ވިސްނުމާއި ވައްޓަފާޅި އެނގޭ ކަމަށެވެ. މިއަހަރުގެ ޖުލައި 31 ވަނަ ދުވަހު މާލެއިން ވިލިމާލެއަށް ބްރިޖުގައި ދަތުރު ކުރެވޭނެކަމަށް ރައީސް ޞާލިހު ވިދާޅުވި ކަމަށާއި އެހެންނަމަވެސް ލޮލަށް ފެންނަ ކޮންމެ މީހަކަށް އެވައުދު އޮތް ހިސާބު ފެންނާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.

"ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދަކީ ފުއްދަންޖެހޭ ކަމެއްކަމަކަށް (މިސަރުކާރުން) ދެކެވަޑައެއް ނުގަންނަވާ. ރައްޔިތުންގެ އެއްވެސް އަގެއް އޮތްކަމަކަށް އެބޭފުޅުން ދެކެވަޑައެއް ނުގަންނަވާ" ޣައްސާން ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުން ރައީސް ޞާލިހުގެ މައްޗަށް އޮތް ނުފޫޒަށްވެސް ޣައްސާން އަލިއަޅުއްވައިލެއްވި އެވެ. ވިދާޅުވީ ރާއްޖެއަކީ ވަކި ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި އޮވެގެން ނުވާނެ މުސްތަގިއްލު ގައުމެއް ކަމަށެވެ. އެހެންނަމަވެސް ވެރިކަން ކުރަނީ ދިވެހިންކަމާއިމެދު ސުވާލު އުފެދޭ ހިސާބަށް މިއަދު ކަންކަން ގޮސްފައިވާކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.

ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުއިއްޒުގެ ހިދުމަތްތަކަށް އަލިއަޅުއްވައިލައްވަމުން ޣައްސާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑެތި ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ޑރ. މުއިއްޒުގެ ބެލުމުގެ ދަށުންކަމަށެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި، ސިނަމާލެ ބްރިޖާއި، ހިލާ ފްލެޓުތައްވެސް ޣައްސާން ފާހަގަކުރެއްވި އެވެ.

ޣައްސާން ވިދާޅުވީ މުއިއްޒުގެ ސަރުކާރެއްގައި އަލުން މިރާއްޖެއަށް ތަރައްގީ ގެނަސްދެއްވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!