ރާއްޖެ މިއަދު މިދެކޭ ހަމަޖެހުމާއި އުފާވެރިކަން ޤާއިމުކުރެވުނީ މި ސަރުކާރާއި ގޭންގުތަކާއި ގުޅުން ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕޭނުތަކުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އއ. މާޅޮހަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުރީގެ ސަރުކާރުގެ ފަސް އަހަރު މާލޭގެ މަގުމަތީގެ ހާލަތު އޮތްގޮތް ރައްޔިތުން ވިސްނަވަންޖެހޭ ކަމަށާއި އެގޮތުން ކޮންމެ މަހެއްގައި ޒުވާނަކު ދިޔައީ ވަޅި ހަރައި މީހުން މަރަމުން ކަމަށާއި، އެކަން ފުލުހުންނަށް ވެސް ކޮންޓްރޯލް ކުރަން ދަތިވެގެން ސިފައިން ވެސް ނެރެފައިވާކަމަށެވެ.. އަދި މިކަން މިގޮތަށް ދިމާވަނީ އެކަން ކުރަން ތިބޭ މީހުންނާއި ސިޔާސީ މީހުންނާއި އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.
އެހެންނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވެގެން ނިމިގެން މިދާ ފަސް އަހަރަކީ ކުރީ ސަރުކާރާއި ޚިލާފަށް އެންމެ ކުށްމަދު ފަސް އަހަރު ކަމަށާއި ސިޔާސީ ކަންތައްތަކާއި ކުރިމަތިލާއިރު ގޭންގު ގްރޫޕްތައް ހުރިހާ ފަރާތްތަކާއި ވެސް ގުޅެން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް 2018 ވަނަ އަހަރު އެމަނިކުފާނުގެ ސަރުކާރު ވެރިކަމަށް އައީ އެފަދަ ބައެއްގެ އެހީއާއި ނުލައި ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.
"ފުލުހުންގެ ހިސާބުތަކުންނާއި ހޯމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މި ފަސް އަހަރަކީ އެންމެ ކުށްމަދު ފަސް އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައި އެބައޮތް،.... އެހެންވެ ވޭތުވެދިޔަ ފަސް އަހަރު ހަމަޖެހުން ގާއިމު ކުރެވުނީ" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ގޭންގުތަކުގައި އުޅުނަސް އެފަދަ މީހުންތައް ދޫކޮށްލުމަކީ ހައްލެއް ނޫން ކަމަށާއި އެ މީހުންނަށްވެސް ގޮތެއް ދައްކައިދީ ދިރިއުޅުމެއް ހޯދައިދޭންޖެހޭ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ސަރުކާރެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި މަގުމައްޗަށް ބަޔަކު ވީއްލިގެން ދިޔުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.