ޚަބަރު ރައްޔިތުންގެ މަޖިލިސް

ވަޒީރެއްގެ ގޮނޑިކޮޅުގައި އިށީންނަވާ ނަމަ އެއީ ބަރުލަމާނީ ނިޒާމު: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަޒީރެއްގެ ގޮނޑިކޮޅުގައި އިށީންނަވާ ނަމަ އެ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށުމާއެކު ތަޅުން ހޫނުވެ ރިޔާސަތުން ވަނީ ތިން މެމްބަރެއްގެ ނަން އިއްވާފައެވެ. މަޖިލިސް ފެއްޓެވުމަށްފަހުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރެއިން މިހާތަނަށް އެކަން މަޖިލީހަށް އަންގަވާފައިވަނީ ތިން މެންބަރުންކަމަށެވެ. ބާކީ ތިެއްބެވި މެންބަރުން ޕާޓީ ބަދަލުކުރެއްވިކަން އަންގާ ސިޓީ މަޖިލީހަށް ފޮނުއްވާފައިނުވާތީ އެ ސިޓީ ފޮނުއްވެވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

މިއާއެކު މެންބަރުން އެކަމާ ހިތްހަމަނުޖެހި އަޑުގަދަ ކުރަން ފެށުމުން ރައީސް ނަޝިދު ވަނީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ތިނަދު އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީގެ ނަން އިއްވާ ތަޅުން ދޫކޮށް ދިޔުމަށް އެދިފައެވެ.

އެ މެމްބަރުން ތަޅުމުން ނުކުމެ ވަޑައިނުގެންނެވުމުން ތަކުރާރުކޮށް އިންޒާރުކުރެއްވުމަށް ފަހު ޖަލްސާ ވަނީ މެދުކަނޑާފައެވެ. އޭގެ ފަހުން ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ވަޒީރުން ތިއްބަވާ މޭޒުގައި އިށީންނަވާފައެވެ. އޭގެ ތެރޭގައި ހަނިމާދޫ ދާއިރާގެ މެމްބަރު ހިމެނެއެވެ. ރިޔާސަތުން ވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޤަފޫރުގެ ނަން އިއްވާފައެވެ.

ޤަފޫރުގެ ނަން އިއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އެއްވެސް މެމްބަރަކު ވަޒީރުންގެ ގޮނޑިކޮޅުގައި އިށީންނަވަން އެދިވަޑައިގަންނަވާ ނަމަ އެ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން, މަޖިލީހުގެ އެއްވެސް މެމްބަރަކު ވަޒީރުންގެ ގޮނޑިކޮޅުގައި އިށީންނަވަން އެދިވަޑައިގަންނަވާ ނަމަ އެ ނިޒާމަކީ ބަރުލަމާނީ ނިޒާމް. ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވަޒީރުންގެ ގޮނޑިކޮޅުގައި އިށީނަކަމުގައި ވަނީނަމަ ކުރިޔަށް ގެންދެވެނީ ބަރުލަމާނީ ނިޒާމުގެ ސިފައެއް. މެމްބަރުން ތިގޮތަށް އަމަލު ނުކުރެއްވުމަށް ވަރަށް ބޮޑަށް ދަންނަވަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ވަޒީރުބޭފުޅެއްގެ ގޮނޑިކޮޅުގައި އިށީނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަމަލު ކުރަން ޖެހޭ ގޮތެއް ނޫން ކަމަށާއި މެމްބަރުންގެ އަހްލާގާއި ވަކި ގޮތެއް ހުންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު ރައީސް ނަޝީދު އިއުލާނުކުރެއްވީ މިއަދުގެ ޖަލްސާ ނިންމަވައިލައްވަނީ ކަމަށެވެ. ދެން ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!