ޚަބަރު ސިޔާސީ

އެއްވެސް ގައުމަކާއި ދެކޮޅެއް ނޫން، އެކަމަކު އިން ފަހަނަ އަޅައި ގޮސްގެން ނުވާނެ: މުއިއްޒު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު

ބޭރުގެ ހުރިހާ ގައުމުތަކާއިއެކުވެސް ހަމަހަމަ ކަމާއިއެކު ގުޅުން ގާއިމްކުރައްވާނެ ކަމަށް ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ ތާއީދާއިއެކު ރިޔާސީ އިންތިހާބަށް ނިކުންނަވާ މުއިއްޒު ރޭ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހަމަހަމަ ހާރިޖީ ސިޔާސަތެއް އެކުލަވައިލައްވާނެ ކަމަށާއި އެ ސިޔާސަތުގައި ކަނޑައަޅާފައިވާ އިންތައް ފަހަނަ އަޅައި ނުދާހާ ހިނގަކު އެއްވެސް ގައުމަކާއި ދެކޮޅު ނުވާނެ ކަމަށެވެ.

އިންޑިއާގެ ނަން ނުގެންނަވައި މިސަރުކާރު އޮތީ ބޭރުގެ އެންމެ ގައުމަކަށް ބަރޯސާވެފައިކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެސިޔާސަތު ބަދަލުކުރައްވައި ހުރިހާ ގައުމަކާއިއެކުވެސް ހަމަހަމަ ކަމާއިއެކު ގުޅުން ގާއިމްކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ގައުމަކަށް ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލާއި ކުޅޭނެ ފުރުސަތު ނުދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތީ ބާރު ފަހަނައަޅާ ދާނެ ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ދެމެހެއްޓެން ޖެހޭނެ، އަޅުގަނޑުމެންގެ ސިޔާދަތު އަޅުގަނޑުމެންނަށް ހިފެހެއްޓެން ޖެހޭނެ. އެގޮތަށް ކަންކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކީ އަޅުގަނޑުމެންނާއި އެންމެ ގާތް ފަރާތްތަކަށް ވާނެ." މުއިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަދުގެ ޖީލުތަކާއި ހަމައަށް ފޯރުކޮށްދީފައި މިވަނީ ކާބަފައިންގެ މަތިވެރި ގުރުބާނީގެ ސަބަބުންކަން ފާހަގަކުރައްވައި މުއިއްޒު ވަނީ އެގުރުބާނީ ބޭކާރު ކަމަކަށް ހަދައި މިނިވަންކަން ދޫކޮށްލައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރެއްގައި ތަރައްގީއަށްވުރެއްވެސް މުހިންމުކަމެއް ދެއްވާނީ މިނިވަންކަން ހިމާޔަތް ކުރުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ވޯޓު ލާއިރު އެންމެ ބޮޑަށް ވިސްނަންވީ މިކަންކަމާއި ދޭތެރޭގައި ކަމަށް ވިދާޅުވެ އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ޖަލްސާގައި އެތައް ހާސް މީހުންނެއް ބައިވެރިވިއިރު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯ "ދިވެހީންގެ ރާއްޖެ" ވަނީ އިފްތިތާހުކޮށްފައެވެ. އެ މެނިފެސްޓޯގައި ހުރިހާ ދާއިރާއްޖެ ސިޔާސަތުތައް ވަނީ ކަނޑައަޅައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!