ޚަބަރު ސިޔާސީ

އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުން ވަރަށް އިހުމާލުވެފައިވާ ތަނެއް: މުއިއްޒު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކެންޕެއިން ދަތުރުގައި ށ. ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަދުގެ ސަރުކާރުން ވަނީ އަރަބިއްޔާ ސްކޫލަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި އެ ސްކޫލުގެ ބެލެނިވެރިންނަށް ސަރުކާރުން ދިނީ ބޮޑު ދޯކާއެއް ކަމަށެވެ.

Ads by STELCO

މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއްކަމަށާއި އަރަބި ތަޢުލީމު ކިޔަވައިދިނުމަކީ ޤައުމަށް އެންމެ މުޙިއްމު އެއްކަންތައް ކަމަށެވެ.

"އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުން ވަރަށް އިހުމާލުވެފައިވާ ތަނެއް. ވަރަށް ބޮޑަށް އިހުމާލުވެފައި ވަނީ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒި ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އިމާރާތް ހަލާކުވާން ފެށުމުން ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުން އާދޭސްކުރަން ފެށުމުން އެމީހުން ވަނީ "ޓިނުންހަދާފައި ހުރި ގުދަނަކަށް" ލާފައިކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވަނީ އަރައްބިއްޔާ އަށް ބޭނުންވާ ބިން ލިބެން އޮތްކަމަށާއި ނަމަވެސް ސަރުކާރުން އެސްކޫލުގެ ބެލެނިވެރިންނަށް ދޯކާއެއް ދިނީކަމަށް ވިދާޅުވެފައެވެ.

"އަރަބިއްޔާ ސްކޫލަށް ބޭނުންވާ ބިން މާލޭގައި ވެސް އެބައޮތް. އަޅުގަނޑުމެން ހެދި ލޭންޑް ޔޫސް ޕްލޭންގައި ވެސް އޮންނާނެ. އަޅުގަނޑުމެންނޭ މި ދެންނެވީ މާލޭ ސިޓީ ކައުންސިލުން" މުއިއްޒު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންނަށް ދިނީ ވަރަށް ބޮޑު ދޯކާއެއް"

މިކަމާގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަރަބިއްޔާއަށް ދޭން ނިންމި ބިމަކީ މިހާރު މާލޭގައި އެންމެ ބާރުބޮޑު އެއް ސަރަޙައްދުކަމަށާއި އެތަނުން ބިން ދޭނެކަމަށް ބުނެ އެ ބިން ވެސް ނުދޭކަމަށެވެ. އަދި އެބިމަކީ މިހާރުގެ ޖަމާލުއްދީން ސްކޫލް ބޮޑުކުރަން ބައެއް ނަގަން ޖެހޭ ތަނެއްކަން އެނގިތިބެ ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންނަށް އޮޅުވައިލެއްވީ ކަމަށެވެ.

"މާލޭގެ ބިމުގައި އެބައޮތް އަރަބިއްޔާ އެޅޭވަރުގެ ބިން. އަޅުގަނޑުމެންގެ ލޭންޑް ޔޫސް ޕްލޭންގައި ވަރަށް ބޮޑު އިސްކަމެއް ދީފައި އޮތް ކަމެއް އެއީ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ މާލޭގައި އަރަބިއްޔާ ސްކޫލް އަޅަން އެކަށީގެންވާ ބިމެއް ކަނޑައަޅައި، އެތަނުގައި ޒަމާނީ ފެންވަރުގެ ސްކޫލެއް އަޅައި، ޒަމާނަށް ފެތޭގޮތަށް އެ ސްކޫލް ހުޅުވުމުގެ އެންމެހައި ކަންތައްތައް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

އަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއް ނޫންކަމުގައި ބެލެނިވެރިން ބުނަމުން ދަނިކޮށް، 2021 ވަނަ އަހަރުގެ ފަހުކޮޅު އެ ސްކޫލުގެ ދަރިވަރުން ވަނީ ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމާފައެވެ. ނަމަވެސް އެ ސްކޫލުގެ ބެލެނިވެރިން އެކަމާ ދެކޮޅު ހެދުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބިމެއް ހޯދައިދޭނެކަމަށް އަންގާފައެވެ.

އަރަބިއްޔާގެ ބިމުގެ މައްސަލައިގައި އެ ސްކޫލުގެ ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ބައްދަލުކޮށް، ޝަކުވާ ޙިއްސާ ކުރެއްވުމުން އެ މަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައި ދެއްވައިފައެވެ.

މި އަހަރުގެ ދިރާސީ އާ އަހަރު ފެށެންދެން އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުން ގެންދިޔައީ ފޮރިން މިނިސްޓްރީ ކުރިން ހިންގި ސޯމިލް އިމާރާތުގައެވެ. އަދި އެ ސްކޫލުގެ އިމާރާތް އަޅައި ނިމެންދެން ކިޔެވުން ކުރިއަށް ގެންދާނީ ކުރިން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!