ބޭރު ސިފައިން ގިނަ ކަމުން ރަށްރަށަށް އަރާވަޑައިގަންނަވަން ދަތިކަމަށް ވިދާޅުވެ ދޮގު ހައްދަވަން ހެޔޮނުވާނެ: ރައީސް ޞާލިޙް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން، ރާއްޖޭގައި ބޭރު ސިފައިން ތިބުމާ ގުޅޭގޮތުން ބުހުތާނު ދޮގު ހެއްދެވުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ސެޕްޓެންބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިނގުރައިދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ސިފައިން ތިބޭތީ، ބައެއް ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށްރަށް އޮންނަނީ ބޭރު ސިފައިންނާއެކު ފުރިފައި ކަމަށާއި ހިނގަން އުނދަގޫވާ ވާހަކަ އެ ބޭފުޅުން ދައްކަވާކަމަށެވެ. ނަމަވެސް، އެ މަންޒަރު ރަށްރަށުން ފެނޭތޯ ރައީސް ޞާލިޙް ސުވާލު އުފެއްދެވި އެވެ.
"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާއިރު އެބަ ވިދާޅުވޭ ތިމަންނަ އަރާއިރު ބޭރު ގައުމުގެ ސިފައިން އަރާ ފުރިފައޭ އެ ރަށުގައި އޮންނަނީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ. ހިނގާ ނުގަނެވޭއޭ ތިމަންނަމެންނަކަށް. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެކަހަލަ ވާހަކަ ދެއްކުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބި ބަޔަކު އެ ކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާ ވަރު ކަމެއް ނޫން،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް މިއަދު ވެސް ރައީސް ތަކުރާރު ކުރެއްވި އެެވެ. މި ތަނުގެ މައްޗަށް ބަސް ކިޔޭނެ އެހެން ބައެއް ނެތް ކަމަށާއި ގައުމު ތަރައްގީކުރުމުގައި ހާރިޖީ ސިޔާސަތަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ގައުމުތަކާ ވަކިން އޮވެގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ. އަދި ބާރު ސްޕީޑުގައި ތަރައްގީ ގެންދަން ބޭނުންވާނަމަ ގައުމުތަކާ އިތުބާރު ހިފޭ ގުޅުމެއް ބާއްވަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ބަސް ބުނާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔޭނެ ބަޔަކު ނުތިބޭނެ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
އެހެންނަމަވެސް، ކުރީގެ ސަރުކާރުތަކުގެ ސިޔާސަތު އޮތީ އެހެން ގޮތަކަށް ކަމަށާއި ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް ވިސްނައިދީ މުޅިން އެކަހެރިވެގެން ސިޔާސަތު ގެންގުޅުނު ކަމަށް ވެސް ވިދާޅުވި އެވެ. ވެރިކަމުގެ އާރާއި ބާރު ހިފެހެއްޓުމަށްޓަކައި ގައުމިއްޔަތުގެ ބަސް ބޭނުންކޮށް މީހުންގެ ސިކުނޑިއަށް ވައްދަން އޭރު މަސައްކަތް ކުރިޔަސް މި ގައުމަކަށް އެކަހެރިކޮށް ނުތިބެވޭނެކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ބަސް ބުނާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔޭނެ ބަޔަކު ނުތިބޭނެ" ރައީސް ޞާލިޙް ވިދާޅުވި އެވެ.
މީގެ އިތުރުން، ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ މައިގަނޑު 3 ކަމެއްގެ މައްޗަށްކަމަށާއި އެއީ ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމާއި އިންސާނީ ހައްގުތައް ކަށަވަަރުކުރުމާއި އަދި މޫސުމީ ބަދަލުތަކާ ދެކޮޅާށް މަސައްކަތް ކުރުމަށް ސަރަހައްދި ގައުމުތަކުގެ ރައްކާތެރިކަމާއި ހަމަޖެހުމުގެ މައްޗަށްކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"މިހުރިހާ ކަމެއްގެ މައްޗަށް އަޅުގަނޑުމެންގެ އޮތީ އަލޫގަނޑުމެންގެ މިނިވަންކަން، އިސްލާމީ ވަހުދަތު ކުރިއެރުވުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އދ ގެ އާންމު މަޖިލީހުގެ ރިޔާސަތު ދިވެހިން ފުރަތަމަ ފަހަރަށް ބަލަހައްޓައިފިކަމަށާއި މިއީ ކުރިއަށް އޮތް 100 އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ދެން ރާއްޖެއަށް ނުލިބޭނެކަހަލަ ފުރުސަތެއްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ އިތުބާރު ރާއްޖެއަށް ލިބިއްޖެކަމަށާއި ޚާއްސަކޮށް ކުދި ގައުމުތަކުގެގެ ލީޑަރެއްގެ ގޮތުގައި ދުނިޔޭގެ އެކި އެކި ޖަމާއަތްތަކުގައި ބަސްބުނުމުގެ ހައްގު ދިވެހިންނަށް ލިބިއްޖެކަމަށެވެ.
"އިންތިހާބުގެ ކަންކަން، އިލެކްޝަނުން ކުރިއަށްދާއިރު ވަރަށް ކައިރިން ބައްލަވަމުން އެބަ ގެންދަވާ ހުރިހާ ގައުމަކުން ވެސް. ސާފުކޮށް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިނިވަން އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ޖާގަ ދީފައި އޮތް ކަން،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
ރައީސް ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ކޮށްދެއްވާނެ ކަންތައްތައް އިއުލާނުކުރައްވައިފަ އެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހައުސިން ޔުނިޓު އެޅުމާއި ބަނދަރުގެ މައްސަލަ ހައްލުކުރުމާއި ދޯނި އެހެލާ ތަނެއް އަދި ކައުންސިލްގެ އާ އިމާރާތާ އެކު އައުޓްޑޯ ހޭންޑްބޯލް ކޯޓެއް ހަދައިދިނުމަށް ރައީސް ވައުދުވެވަޑައިގަތެވެ.
ދެން ކަލޭހުރޭ ފޮގުނުހަދަ ގައުމު ވިއްކާލާފަ