ގާސިމްގެ އުފަން ރަށް ދިއްދުއަށް ވަޑައިގެންފި, އެންމެ ފުރަތަމަ ވެސް ޒިޔާރަތްކުރެއްވީ މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށް
ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އުފަން އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ދިއްދުއަށް ވަޑައިގެންފިއެވެ.
ދިއްދުއަކީ ގާސިމް އިބްރާހިމް އުފަންވި ރަށެވެ. ދިއްދުއަށް ވަޑައިގަތުމަށްފަހު ގާސިމް އިބްރާހިމް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އެމަނިކުފާނުގެ މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށެވެ. މަންމާފުޅުގެ މަހާނައަށް ޒިޔާރަތްކުރައްވާ މަންމާފުޅަށް އެމަނިކުފާނުު ހެޔޮ ދުއާކުރެއްވިއެވެ.
އުފަންރަށުގެ ރައްޔިތުންނާއި މުހާތަބްކުރައްވާ ގާސިމް ވިދާޅުވީ އުފަންވި ރަށަށް އަދި މަންމާފުޅުގެ ރަށަށް އައުމުން އުފާވެރި އިޚުސާސްތަކެއް ކުރެވޭ ކަމަށެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު އުފަންވެ މަންމާފުޅު ނިޔާވުމާއި ހަމައަށް ދިއްދޫގައި ދިރިއުޅުއްވި ކަމަށާއި މަންމާފުޅު ނިޔާވުމުން މާމާފުޅު އައިސް އެމަނިކުފާނު މާމިގިއްޔަށް ގެންދެވީ ކަމަށެވެ.
ގާސިމް ވިދާޅުވީ މިނިވަންކަމާއި ޤައުމުގެ އިސްތިގްލާލް ހިމާޔަތްކުރުމަކީ ހުރިހާ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށެވެ. އަދި އިންޑިއާ އާއި ގާތްގުޅުން ކެނޑިގެން ދާން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެކަމަށާއި ނަމަވެސް އިންޑިއާގެ އަޅުވެތިކަމަށް ދިއުމަކީ ނުރައްކާތެރި ނިކަމެތި ހާލަތެއް ކަމަށާއި އެހާލަތަށް ގައުމު ގެންދިޔައީ ގައުމުގެ ވެރިންގެ ގައްދާރުވުމުން ކަމަށެވެ. ގާސިމް ވިދާޅުވީ މިހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުން އެކީ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.