ޚަބަރު

ގެމަނަފުއްޓަށް މުޢިއްޒުގެ ވަޢުދުތަކެއް، ފުއްދަވާނެކަމުގެ ޔަޤީންކަން ވެސް ދެއްވި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ގއ.ގެމަނަފުށީގެ ތަރައްޤީއަށްޓަކައި ކުރަން ހުރި ކަންކަމުގައި، އެމަނިކުފާނުގެ ޢަމަލާއި ބަހާއި ދިމާވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ގެމަނަފުށީގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވައި މުޢިއްޒު ވިދާޅުވީ، އެ ރަށަކީ މަސްވެރި ރަށަކަށް ވުމާއިއެކުގައި، ރަށުގެ ބަނދަރު އަދިވެސް ތަރައްޤީ ކުރަން ޖެހޭ ކަމަށާއި، އެކަން ކޮށްދެއްވާނެ ކަމަށެވެ.

"މިފަދަ ރަށެއްގައި، ޢުމްރާނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހައި ކަމެއް ހުންނަންޖެހޭނީ ފުރިހަމަ ކުރެވިފައި. ޚާއްސަ ކަމެއްގެ ގޮތުގައި، މަގު ހެދުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދެވެން ޖެހޭނެ، އިރާދަކުރެއްވިއްޔާ، ރަނގަޅު ފެންވަރެއްގައި މި ރަށުގެ މަގުތައް ހަދައިދޭނަން." މުޢިއްޒު ވިދާޅުވިއެވެ.

ގެމަނަފުށީގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމުގެ ގޮތުން، ބިން އިތުރު ކުރަންޖެހޭކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ، މިކަމަކީ ރަށުގެ ޒުވާނުންނަށްޓަކައި ވެސް ބޭނުންތެރި ކަމެއް ކަމުގައެވެ.

"އިރާދަކުރެއްވިއްޔާ، ތި ބޭފުޅުންނަށް އަޅުގަނޑު މިދޭ ޔަޤީން ކަމަކީ، ގެމަނަފުށީގެ ފަޅުތެރެއިން، މި ރަށަށް އިތުރު ކުރެވިގެން، ބިން ހިއްކުމުގެ މަޝްރޫޢުއެއް، އިރާދަކުރެއްވިއްޔާ، ކުރިއަށް ގެންގޮސް ދޭނަން." އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީން ޤާއިމު ކުރާނީ، ގެމަނަފުށީގެ ރައްޔިތުން ވެސް، އެދޭ ކަންކަމުގައި އިޖާބަދޭ ސަރުކާރެއް ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!