އަބަދުވެސް ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން: ރައީސް ޑރ. މުޢިއްޒު
އަބަދުވެސް ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވާ ތަގުރީރު ކުރައްވަމުންނެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އިލްމުވެރިންނަކީ އެ ޤައުމުގެ ކުރިބޯށި ކަމަށާއި ކޮންމެ ދާއިރާއެއްގައި ވެސް ސިޔާސަތު ތަންފީޒު ކުރުމުގައި އެ ބޭފުޅުންނަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި އެހެން ގައުމުތައް އަންނާނީ އެއަށް ފަހު ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަމަކު ގައުމުތަކާ ގުޅުން ބަދަހި ކުރައްވާނެ ކަމަށާއި އަބަދުވެސް ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
" އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެއް ވަނައަށް. ފުރަތަމައަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ އޭގެ ފަހަތުގަ. އަޅުގަނޑު ޤައުމުތަކާ ގުޅުން ބާއްވާނަން. ހަތުރުންނަށް ނުވާނަން. ހަސަދަވެރިކަމެއް ނުބާއްވާނަން. އަވައްޓެރިންނާއި ދުރު ޤައުމުތަކަށް ވެސް އިޙްތިރާމް ކުރާނަން" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދު ކުރާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއްޗަކީ ޓޫރިޒަމް ކަމަށެވެ. ފަރުދީ, އާއިލީ އަދި ގައުމީ ފެންވަރުގައި ޓޫރިޒަމުން ފައިދާވާ ކަމަށާއި އެހެންކަމުން އެ ދާއިރާ އަށް ވަރަށް ބޮޑަށް ސަމާލު ކަމެއް ދެއްވާނެ ކަމަށެވެ.