ޑރ. މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް, ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ, ޑރ. މުޙައްމަދު މުޢިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ނިމިގެން މިދާ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެކަން އެނގިއްޖެއެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓަމުން އަންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ޞާލިޙަށް މި ރަސްމިއްޔާތަށް ދައުވަތު ދެއްވާފައެވެ. ރައީސް ޞާލިޙް އެ ދައުވަތު ޤަބޫލުފުޅު ކުރެއްވާ މިއަދު ޖަލްސާއަށް ވަޑައިގަންނަވާނެކަން "ދެން"އަށް ވަނީ އެނގިފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު ޖުމްހޫރީ މައިދާނުގައެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ އިއްޒަތްތެރިން މިހާރު ރާއްޖެ ވަނީ ވަޑައިގެންފައެވެ.