މެމްބަރުންނަށް ރިޝްވަތުދިން ކަމަށް ބުނާ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ފުލުހުން ބުނެފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ އެ އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތްކަމަށް ފުލުހުން ވިދާޅުވިކަން އެނގިއްޖެއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތް ކަމަށެވެ.
އަދި މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ފޮނުއްވި ސިޓީގައި މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތު ކުރައްވާފައި ވިޔަސް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފެށުމަށް ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައިނެތް ކަމަށާއި އެހެންވެ، ޖިނާއީ މައްސަލައެއް ރަޖިސްޓަރީ ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް، ސިޓީއަކުން މަޖިލީހަށް މިހާރު އަންގާފައިވާނެ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
އަދި އެފަދަ މައުލޫމާތު ހުރި ނަމަ، ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ ހާއްސަ އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން ކަަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ދެކޭ ވާހަކަ ވެސް ފުލުހުންގެ ސިޓީގައި ދަންނަވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އަދި ހަމައެއާއެކު އޭސީސީން އެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ އެހީތެރިކަމަށް އެދެފި ނަމަ، އެކަން ކޮށްދޭނެ ކަމަށް ވެސް ފުލުހުން ވަނީ މަޖިލީހަށް އަންގައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅާފައިވާއިރު އެ މައްސަލަ ހުށަހެޅީ، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން އަނެއްކާވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ފެށި ދަނޑިވަޅެއްގަ އެވެ.
އެކަމާއި ގުޅިގެން ރައީސް ނަޝީދު އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ވިދާޅުވެފައިވަނީ ރައީސް ޞާލިޙް މެމްބަރުންނަށް ރިޝްވަތު ދެއްވާކަމަށާއި އެކަން ކުރައްވަނީ ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ކަމަށެވެ. އަދި އެފަދައިން އަމަލުކުރެއްވިޔަސް ރައީސް ޞާލިޙަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެކަމަށާއި އެކަމުން އެމަނިކުފާނު ވާނީ ފަޟީހަތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.