ޚަބަރު

އެންމެ މީހަކަށްޓަކައި ބަހުސް ކެންސަލް ކުރުން ބަލައެއް ނުގަނެވޭ: ތަލާލް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެންމެ މީހަކަށްޓަކައި، ދަޢުލަތުގެ މީޑިއާ(ޕީއެސްއެމް)ގެ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ކެންސަލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުޙައްމަދު ޠަލާލު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީއެސްއެމްގެ ރިޔާސީ ބަހުސް ބާއްވަން ނިންމައިފައި އޮތީ، މާދަމާ ރޭ އެވެ. ނަމަވެސް ހުރިހައި ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭތީ ކަމަށް ބުނެ، މި ބަހުސް ވަނީ ކެންސަލް ކޮށްފައެވެ. މާލޭގައި ބާއްވާ ރިޔާސީ ކެމްޕެއިންގެ ޖަލްސާއެއް އޮންނަ ވަގުތާ ދިމާވާތީ، މި ބަހުސްގައި ރައީީސް އިބްރާހީމް މުހައްމަދު ޞާލިޙު ބައިވެރިވެވަޑައިނުގަންނަވަން ވަނީ ނިންމައިފައެވެ.

ބަހުސް ކެންސަލް ކުރުމާއި ގުޅިގެން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޠަލާލު ވިދާޅުވީ، ފަހު ވަގުތު ރިޔާސީ ބަހުސް ކެންސަލް ކުރުމުން، އިދިކޮޅަށް ބޮޑު ގެއްލުންތަކެއް ލިބުނު ކަމަށެވެ.

"އަދި ދެން މި އިންތިޚާބުގައި ވާދަކުރައްވާ، ކެންޑިޑޭޓުންގެ ވެސް ޙައްޤަށް އަރައިގަތުން ކަމުގައި އަޅުގަނޑުމެން ބަލަނީ، އެއީ ހަމަ ސީދާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ނުފޫޒުން ކޮށްފައި އޮތްކަމެއް،" ޠަލާލު ވިދާޅުވިއެވެ.

ޕީއެސްއެމްއިން ބަހުސް ކެންސަލް ކުރިއިރު، އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭ ބާއްވާ ސަންގު ޓީވީގެ ބަހުސްގައި ބައިވެރިވާން އެޗެނަލުން ވަނީ ނިންމައިފައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!