ރައީސް ޞާލިޙްގެ ފުރިހަމަ ބާރު މަޖިލީހުގައި އެބައޮތް، ވަޒީރުންނަށް ރައީސް ނަޝީދުގެ އިތުބާރު އޮންނާކަށް ނުޖެހޭ - ރީކޯ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ފުރިހަމަ ބާރު ރައްޔިތުގެ މަޖިލީހުގައި އެބައޮތް ކަމަށާއި އެމަނިކުފާނުގެ ވަޒީރުންނަށް މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު އޮތް ވާހަކަ ގޮވުމުގެ ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް ފާޑު ވިދާޅުވެ، މިއަދު ކުރެއްވި ޓްވީޓެއްގައި މޫސަ ވިދާޅުވީ، ރައީސް ޞާލިޙްގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހުގައި އެބަ އޮތް ކަމަށާއި، މިނިސްޓަރ ފައްޔާޒު މަޤާމުން ދުރު ނުކުރެވިގެން އުޅެނީ ވެސް މިސަބަބާ ހުރެ ކަމަށެވެ.
"ރައީސް ޞާލިހްގެ ފުރިހަމަ ބާރު މަޖިލީހުގައި އަދި އޮތީމަތާ ރައީސް ނަޝީދަށް މިނިސްޓަރު ފައްޔާޒަށް ވެސް ގޮތެއް ނުހެދިގެން އެ އުޅެނީ،" ރީކޯ މޫސާ ވިދާޅުވި އެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ދަނީ އެމްޑީޕީއަށް ނިސްބަތްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ރައީސް ޞާލިހް ވަނީ ފައްޔާޒަށް އެމަނިކުފާނުގެ ފުރިހަމަ ތާޢީދުއޮތްކަން ހާމަކުރައްވާފައެވެ.