ފައްސި ކޭސްތައް އިތުރުވަނީ، ވާނެ ގޮތެއް ވާން ދޫކޮށްނުލާ: ޣައްސާން

ކޮވިޑް-19 އަށް ފައްސިވާ ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރައްވާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޣައްސާން މިކަމާ ގުޅިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސިއްހީ މާހިރުންގެ ލަފާ ގަބޫލު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވީ ނަމަވެސް ދުވަހުން ދުވަހަށް ފައްސިވާ ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ.
އަދި މިހާރު އަޅާފައިމިވާ ފިޔަވަޅު ތަކަކީ ސިއްހީ މާހިރުންގެ ލަފާތޯ ރައްޔިތުން ސުވާލު ކުރަމުން ގެންދާކަން ޣައްސާން ފާހަގަކުރެއްވިއެވެ.
" މިވަގުތު އަޅުއްވާފައިވާ މިއޮތް ފިޔަވަޅު ތަކަކީ ސިއްހީ މާހިރުންގެ ލަފާފުޅުތޯ ރައްޔިތުން އެބަ އައްސަވާ. ވާނެ ގޮތެއް ވާން ދޫކޮށްނުލައްވާ" ޣައްސާން ގެ ޓްވީޓުގައި ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު ގިނަ ރައްޔިތުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.