ޚަބަރު

ސިފްކޯ ފްލެޓްތައް ލިބުނު މީހުންގެ ފްލެޓް ކަނޑައެޅުމުގެ ގުރުއަތުނެގުން މާދަމާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިފައިންގެ ސިފްކޯ ފްލެޓްތައް ލިބުނު މީހުންނަށް ލިބޭ، ފްލެޓް ކަނޑައެޅުމުގެ ގުރުއަތުނެގުން މާދަމާ ކުރިއަށް ދާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ފްލެޓްތަކުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ސިފްކޯ ފްލެޓް ލިބުނު މީހުންނާއި އާއިލާތަކަށް، ޓަވަރުތަކާއި އެޕާޓްމަންޓްތައް ދައްކާލުމަށް މިއަދު ވަނީ އޯޕަން ޑޭއެއް ކުރިއަށް ގެންގޮސްފައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މީގެކުރިން ވިދާޅުވީ، އޮގަސްޓްމަހުގެ ނިޔަލަށް ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ހުރިހާ މަސައްކަތްތައް މުޅިން ނިންމާނެކަމަށެވެ.

މިމުޅި މަޝްރޫޢުގައި ޖުމްލަ 691 ހައުސިން ޔުނިޓް ހިމެނެއެވެ. އެއީ "ސިފްކޯ ހިޔާ"ގައި ހިމެނޭ، 330 ފްލެޓާއި، "ޕޮލްކޯ" 361 ހައުސިން ޔުނިޓެވެ. މިއީ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށީ މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރުއެވެ. މި ދެ ޕްރޮޖެކްޓްވެސް ކުރިއަށްގެންދިޔައީ ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެކި މައްސަލަތަކާއި ގުޅިގެން ނޫމަޑިއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ.

އޭރު މިމަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފުލުހުންނާއި ސިފައިންގެ ލިސްޓްވެސް އޮތީ އިޢުލާންކޮށްފައެވެ. އަދި ގިނަބަޔަކު ފްލެޓްތަކަށް ފައިސާވެސް ދައްކާފައެވެ. ފްލެޓްތައް ލަސްވުމަކީ ސިފައިންނާއި ފުލުހުންގެ ބޮޑު ކަންބޮޑުވުމެއްވެސް އޮތް ކަމެކެވެ.

މިސަރުކާރުގައި ޕްރޮޖެކްޓް ނިންމުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!