ޚަބަރު

ޔަޤީން ކުރަނީ، އިންތިޚާބު އެއްބުރުން ކާމިޔާބުވާނެ ކަމަށް: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ރިޔާސީ އިންތިހާބު، އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ ކެމްޕެއިނުގައި މިއަދު ލ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން، މުޢިއްޒު ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ. މާބައިދޫއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގެންފިނަމަ، އެ ރަށަށް ކޮށްދެއްވާނެ ބައެއް ކަންތައްތައް ވެސް ވިދާޅުވެދެއްވިއެވެ. އެގޮތުން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއިއެކު، ރަށުގައި އޭޓީއެމްއެއް ވެސް ބަހައްޓައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމާއިއެކު، އިރާދަކުރެއްވިއްޔާ، ފުޓްސެލް ދަނޑެއް ޤާއިމުކޮށްދޭނަން." ޒުވާނުންނަށް ކޮށްދެއްވާނެކަންކަން ފާހަގަކުރައްވަމުން، މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުންވެސް ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތަކު ވެސް އެންމެ ބޭނުންވާނެ އެއްކަންތައްކަން ފާހަގަކުރައްވައި، މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ވެސް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ. އަދި މުޅި ލ.އަތޮޅަށް ފަތުރުވެރިކަން ފުޅާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!