މި ފަސް އަހަރު ތެރޭގައި ފުލުހުން އަތުލައިގަތް ހުރިހާ ޑްރަގެއް ނައްތާލައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުގައި ވޭތުވެދިޔަ ފަސް އަހަރު އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަތް ޑްރަގްގެ ތެރެއިން ޝަރީއަތް ނިމިފައިވާ މައްސަލަތަކުގެ ޑްރަގް މިއަދު ނައްތާލައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މިއަދު ނައްތާލާފައިވާ މަސްތުވާތަކެތީގައި 232 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހުންނާނެއެވެ.
ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތިކަމަށާއި މިއަދު ނައްތާލާފައިވަނީ 1509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ 4405 އެވިޑެންސްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެމްޑީއެމްއޭ 1495.97 ގްރާމް، މެތް 37953.49 ގްރާމް، މޯފިން 90860.86 ގްރާމް، ކެނަބިނޯލް 30266.87 ގްރާމް، ކޮކެއިން 17830.90 ގްރާމް، އެލްއެސްޑީ 0.1142 ގްރާމްގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 54145.42 ގްރާމްގެ މަސްތުވާތަކެތި އަދި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ ތަކެތިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.