ޚަބަރު ސިޔާސީ

ޑރ. މުއިއްޒު އެއްބުރުން މި އިންތިޚާބު ކާމިޔާބުކުރާނެ: އާދަމް ޝަރީފް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުއިޒުއަށް ތާއީދު ކުރެއްވުމަށް އަތޮޅުތެރެއަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން ލިބުނު ތާއީދާއި ހިތްވަރު ފެނިގެން ދިއުމުން، ޑރ. މުއިއްޒު މި އިންތިޚާބު އެއް ބުރުން ކާމިޔާބު ކުރައްވާނެކަން ޔަގީންވެއްޖެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މި އަހަރުގެ އިންތިޚާބަށް މަސައްކަތް ފެށުނު ހިސާބުން ފެށިގެން ދައުލަތުގެ ބައެއް ކުންފުނިތަކާއި ސަރުކާރާ ގުޅިގެން ބައެއް މުއައްސަސާތަކުގައި މިކަމާ ބެހޭ ސިއްރު މަޢުލޫމާތު އެއްކުރަމުން އައިކަމަށާއި އިއްޔެގެ ވަގުތެއްގައި އިންޑިއާގެ އަސްކަރީ ބަޔަކު ރާއްޖެއައި މަންޒަރު ފެނިގެން ދިޔަކަމަށެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށް މިހާ ވަގުތު ކުޑަތަންވެފައިވާއިރު، މި މަންޒަރު ފެނިގެން ދިއުމަކީ ރައްޔިތުންނަށް ބިރުދެއްކުމަށްޓަކައި ކުރި ޢަމަލެއްކަމަށެވެ. އަދި މިއީ ބޭރުގެ ނުފޫޒު މި އިންތިޚާބަށް ފޯރާނެކަމުގެ އިންޒާރެއްކަމަށް ޝަރީފް ވަނީ ސިފަކުރައްވާފައެވެ.

ޝަރީފް ވަނީ މިކަން ވަރަށް ބޮޑަށް ކުއްވެރިކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައް ލިބުމުގައި އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ލިބިދޭންޖެހޭނެކަމާއި އަދި މިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ކޮށްފިނަމަ، އެކަމަކީ ރާއްޖެއަށް ނުރައްކާވާނެކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޯލިޝަން ޕާޓީގެ ފަރާތުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ވޯޓުލާ މަރުކަޒުތަކެއްގައި އޮބްޒާވަރުން މަސައްކަތްކުރައްވާނެކަމަށާއި މި އިންތިޚާބަކީ އެއްވެސް ނުފޫޒެއް ނެތި ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓު ލެވޭނެ އިންތިޚާބެއްކަން ކަށަވަރު ކުރައްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!