ސަޕްރައިޒް ދޭން އުޅުނީ ދަރިފުޅަށް، އަނިޔާ ލިބުނީ މަޙްލޫފަށް!

ދަރިފުޅަށް ސަޕްރައިޒެއް ދޭން އުޅެނިކޮށް ޔޫތު މިނިސްޓަރ އަަޙުމަދު މަޙްލޫފް ގެ ލޮލަށް އަނިޔާ ވެއްޖެއެވެ.
މިނިސްޓަރ މަޙުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ ދަރިފުޅު އެލީ ފުވައްމުލަކުން އެނބުރި އަންނައިރު ސަޕްރައިޒެއް ދޭން އެދުނު ކަމަށާއި އެހެންކަމުން ދަރިފުޅަށް ސަޕްރައިޒެއް ދޭން ވެގެން ގޭތެރޭގައި ބަހައްޓާ ކަހަލަ ގަސްތަކެއް ގަތް ކަމަށެވެ.
ނަމަވެސް އެގަސްތައް އެތުރުމުގެ މަސައްކަތުގައި އުޅެނިކޮށް، އެތަނުން ގަހެއްގެ ފަތަކުން މިނިސްޓަރ ގެ އެއް ލޯ ޒަހަމްވެއްޖެ ކަމަށް ވެސް މަޙުލޫފު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މީހުން ގަސް ހެއްދިޔަސް އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެހެން ވިދާޅުވެފައި މަޙުލޫފް ވަނީ "#ފިލާވަޅު" މިހެން ވެސް ޖަހާފައެވެ.
ރާއްޖޭގައި، އަދި ޚާއްސަކޮށް މާލެ ސަރަޙައްދުގައި ކޮވިޑްގެ ނުރައްކާ އިންތިހާއަށް ފެތުރެމުން ދިޔުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެމީހުންގެ ގޭތެރޭގައި ތަފާތު އެކި ވައްތަރުގެ ގަސް އިންދަން ފަށާފައެވެ. އަދި ބައެއް މީހުން ވަނީ ވަރަށް އަގުބޮޑުކޮށް ގަސް ވިއްކަން ވެސް ފަށާފައެވެ.