ޚަބަރު

ހޮނިހިރު ދުވަހު ޤައުމީ ލޯބި އިސްނުކޮށްފިނަމަ، އިންޑިއާ ސިފައިން މިތާ ތިބޭނީ ކުލަ ހެދުމުގައެއް ނޫން: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހޮނިހިރު ދުވަހަކީ ޤައުމީ ލޯބި އިސް ކުރަންވީ ދުވަސް ކަމަށް ވިދާޅުވެ، އެ ދުވަހު ޤައުމާއިމެދުގައި ނުވިސްނައިފިނަމަ، ރާއްޖެއަށް ކުރިމަތިވެދާނެ ޙާލަތު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެދެއްވައިފިއެވެ.

Ads by STELCO

ރޭ މާލޭގެ މާފަންނު ދެކުނުގެ ޖަގަހަ ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުޢިއްޒު އިލްތިމާސް ކުރެއްވީ، މާދަމާ ވޯޓުލާން ނުކުންނައިރު، ޤައުމީ ވިސްނުން އިސްކޮށް، ޤައުމުގެ ކުރިމަގާއިމެދުގައި ފިކުރު ކުރުމަށެވެ.

"އެހެން ނޫނީ، މިތަނުގައި މިހާރު ތިބި ސިފައިން ތިބޭނީ ކުލަ ހެދުމަކު ނޫން. ހަތިޔާރު ހިފައިގެން ތިބޭތަން އަންނާނީ، އަޅުގަނޑުމެން އެ ދުވަހު ޤައުމީ ލޯބި އިސްނުކޮށްފިއްޔާ،" މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވޯޓުލާ ދުވަހު ރައްޔިތުންނަށް ލިބޭ ބާރަކީ ޤައުމަށްޓަކައި ހެޔޮ ގޮތް ނިންމަން ލިބޭ ބާރެއް ކަމަށެވެ. މިއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި، ޤައުމީ ވާހަކައެއް ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

"ޕާޓީތަކާއި ސިޔާސީ ފިކުރަކީ، އެއްވެސް އެއްޗެއް ނޫން، ޤައުމީ ލޯބި އިސްކުރާއިރުގައި. އެހެންވީމަ، އެވާހަކަ ކިތަންމެ ދަން ވިޔަސް، ކިތަންމެ ފަތިސް ވިޔަސް، މެންދުރު ވިޔަސް އަޅުގަނޑު ދައްކާނަން."

މުއިއްޒު ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ދަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!