މި މަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްޑީޕީއާއިއެކު ކުރިއަށްދާން ހުށަހަޅާނެ ހުށަހެޅުމެއްވެސް ނޯންނާނެކަމަށާއި ބޭނުންފުޅުވަނީ "އިބޫ ނޫން ގޮތެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ދަ ޑިމޮކްރެޓްސްއިން ބޭއްވި އެ ޕާޓީގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ޕާޓީތަކާއި މަޝްވަރާ ކުރުމަށް ޑިމޮކްރެޓްސް އިން ކޮމެޓީއެއް ނެންގެވިޔަސް، ނުނެންގެވިޔަސް އެނގިވަޑައިގަންނަވާ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި، އެމްޑީޕީއާއިއެކު ކުރިއަށް ވަޑައިގެންނެވެން ނެތްކަމުގައެވެ.
"ކޮމެޓީއެއް ނެގިޔަސް ނުނެގިޔަސް، އެމްޑީޕީއާއެކީ ކުރިއަށް ނުދެވޭނެ ކަން ވަރަށް ސާފު. އަޅުގަނޑުމެން މިސަރުކާރަށް އެމްޑީޕީއަށް ހުށަހަޅާނެ އެއްވެސް ކަމެއް ނެތް. ހެދީ ހުސް ދޮގު. އޮޅުވާލީ އޮޅުވާލުން. އަޅުގަނޑުމެން ބޭނުމީ އިބޫނޫން ގޮތެއް. އެއްގޮތަކީ އެއްވެސް ބަޔަކާއިއެކު ކުރިއަށް ނޫނީ އެހެން ގޮތެއް"
މީގެ އިތުރުން އެމްޑީޕީއާއި، މިސަރުކާރުން ހެދީ ހުސް ދޮގާއި އޮޅުވާލުންކަމަށާއި މިސަރުކާރުން ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޖެއްސި ހާލާއި، ހެދި ގޮތަކީ ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫންކަމަށްވެސް އީވާ ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ވާހަކަފުޅު ދައްކަވާފައިވަނީ ރައީސް ޞާލިޙުއާއެކު ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާކަމަށެވެ.
އަދި އީވާ ވިދާޅުވި ފަދައިން ބޭނުންފުޅުވަނީ ރައީސް ޞާލިޙް ނޫންގޮތެއްކަމަށް ގިނަ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ޕާޓީތަކުން ނިންމާ ނިންމުމަށްވުރެ ރައްޔިތުން އެމީހަކަށް ލިބިފައިވާ ވޯޓު ދިނުމުގެ ޙައްޤު މިނިވަން ކަމާއެކު ބޭނުން ހިފަންވީ. ޕާޓީން އިސްކުރަނީ ޕާޓީ އިސްވެރިންގެ މަސްލަޙަތު