ޚަބަރު ސިޔާސީ

ޕީޕީއެމް/ޕީއެންސީއާއި ގުޅުމުން އިހްސާސްކުރެވުނީ އަމިއްލަ އާއިލާ ތެރެއަށް ވަދެވުނުހެން: ނާޒިމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށްޓަކައި ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރަށް ރޭ ބޭއްވި ޖަލްސާއަށް ވަޑައިގަތުމުން އިހުސާސްވީ އަމިއްލަ އާއިލާ ތެރެއިން ފުރުޞަތެއް ލިބިވަޑައިގަތުންހެންކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ހުޅުމާލޭގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އެބޭފުޅާ އަކީ، އަބަދުވެސް "ޕީޕީއެމްގެ ލޯބި" ހިތުގައި އޮންނަ ބޭފުޅެއް ކަމަށާއި ސިޔާސީ ހަޔާތް ފުރަތަމަ ފެއްޓެވީ ވެސް އެ ޕާޓީންކަމަށެވެ. އަދި ދުރުގައި ހުންނެވުމަށް ފަހު އަނެއްކާވެސް ޕީޕީއެމް/ޕީއެންސީގެ "ލަޝްކަރާ" ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ފަހިވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފާހަގަވެގެން ދިޔަ އަޅުގަނޑުމެންގެ އާއިލާގެ ތެރެއަށް ވަދެވުނުކަން،....ހާއްސަކޮށް ދެވަނަ ބުރުގައި އަޅުގަނޑުމެންނާ ގުޅުމަށް ދައުވަތު ދެއްވި ކަމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށާއި އެ ޓީމަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަރުހަބާ ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން އެމްއެންޕީ އަށް ކުރި އިތުބާރަކީ އެމްއެންޕީން ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމެއް ކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެބޭފުޅާގެ މެނިފެސްޓޯ އާއި މުއިއްޒުގެ މެނިފެސްޓޯގައި ހުރީ ދާދި އެއް ކަހަލަ ކަންތައްތައް ކަމަށްވުމުން ޕީޕީއެމް/ޕީއެންސީއާ އެކު މަސައްކަަތް ކުރަން އެމްއެންޕީ އަށް ވަރަށް ފަސޭހަ ކަމަށެވެ. އަދި އެމްއެންޕީން ވެސް ރިޔާސީ އިންތިހާބުގައި މަސައްކަތްކުރީ ގައުމު އިސްކޮށްގެން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ވެސް ޝިއާރަކީ އެއީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާނުން 1،907 ވޯޓު ލިބިވަޑައިގެންނެވި ނާޒިމް ވިދާޅުވީ، ޕީޕީއެމާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ފެއްޓެވީ ގައުމަށްޓަކައި އަދި ދިވެހިންނަށް ގެއްލިފައިވާ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ފަސޭހަ ތިޔަބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން. އަޅުގަނޑު މި އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރަން. އަޅުގަނޑުމެންނަށް ބަލިކުރެވޭނެ. މި ތަނުގެ މި ލަޝްކަރަށް ބަލާލީމާ އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، މިއަދު ދިވެހިންގެ ހާލަތަކީ އަމިއްލަ އަށް ކަންކަމާ ބަސް ބުނުމުގެ ފުރުސަތު ގެއްލި އަޅުވެތިވެފައި ކަމަށާއި އިޤްތިޞާދީގޮތުން ބަލައިފި ނަމަ ދިވެހިން ތިބީ ބަޔަކަށް ބަރޯސާ ވެފައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ސިއްހީ އެހީތެރިކަމަށް ބަލާއިރު ވެސް ދިވެހިން ތިބީ އެހެން ބައެއްގެ އެހީތެރިކަމާ ނުލައި ނޫޅެވޭ ހިސާބުގައިކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޯހިޔާވަހިކަމެއް ނެތް. އަޅުގަނޑުމެންގެ ޒުވާނުން ތިބީ މަގުމަތިވެފައި. [ޑރ. މުއިއްޒުގެ] މެނިފެސްޓޯ އަށް ބަލާލީމާ ގިނަ ކަންކަން ހާސިލް ކުރެވޭ،" ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން ފައިސާ ބަހަމުންދާއިރު ވެސް، ޕީޕީއެމްގެ މެމްބަރުން، ޤައުމު އިސްކޮށް ދައްކަމުން އަންނަ ސާބިތު ކަމަށް ތަޢުރީފު ކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

Ads by HDC
  1. ޒައޮނު

    ދެން ތިބުނީ ޕީޕީއެމް އަކީ ކަލޭގެ ޢާއިލާ ބައެކޭދޯ!

  2. ޕިސްތޯލަ

    ޙީއެއްތަ؟ކަށަވަރެއްނޫންތަ؟

  3. ސަރަގު

    ޢާއިލާތެރެއިންތާ ކަލޭ ޖަލަށް ގަޅުވާލީވެސް.