ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓޫ ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދުކުރައްވަން ނިންމަވާފައިވާކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަކުރައްވައި މުހުތާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޑރ.މުޙައްމަދު މުޢިއްޒުއާއި، ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފަށް ތާޢީދުކުރަން ނިންމެވީ، ޤާނޫނީ ވެރިކަން ނަގަހައްޓައި، ޒުވާނުންނާއި ދިވެހި ރައްޔިތުންނަށް ފަހި ޚާރިޖީ، އިޤްތިޞާދީ، އިޖްތިމާޢީ ސިޔާސަތެއް ގެންގުޅުއްވާނެތީކަމަށެވެ.
އަދި ސިޔާސަތުތައް ތަންފިޒްކުރުމުގައި މަތްވެގެންވާ އިސްލާމްދީނުގެ އުސޫލްތަކަށް ރިޔާއަތްކުރައްވާނެކަމުގެ ޔަޤީންކަން މުއިއްޒު ދެއްވާފައިވާތީކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.
މުހުތާޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ސިޔާސީ މަސައްކަތުން އެބޭފުޅާ ފެނިވަޑައިގަންނަވާނެކަމަށެވެ.
 
 
  
                                                    
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
