ޚަބަރު ސިޔާސީ

ފުރިހަމަ ޚިދުމަތްތަކާއެކު، ޖާގަ ތަނަވަސް ތެލެސީމިއާ ސެންޓަރެއް ޤާއިމްކޮށްދޭނަން: މުއިއްޒު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ޑރ. މުއިއްޒު އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ، ފޮޓޯ: ޕީޕީއެމް

އެމަނިކުފާނުގެ ވެރިކަމެއްގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ޖާގަ ތަނަވަސް، އަދި އެންމެ ފުރިހަމަ ޚިދުމަތްތައް ލިބޭނެ ތެލެސީމިއާ ސެންޓަރެއް މާލެ ސަރަޙައްދުގައި ޤާއިމްކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބުރުގެ ކެންޕެއިންއަށް އދ އަތޮޅަށް ވަޑައިގެން އެއަތޮޅު މަހިބަދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ތެލެސީމިއާ ސެންޓަރު ހާލަތު ވަރަށް ގޯސްކަމަށާއި އެތަނުން ފެންނަނީ ހިތްދަތިކަންކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ތެލެސީމިއާ ސެންޓަރެއްގައި ރަނގަޅު ފަރުވާ އާއި ރަނގަޅު ޑޮކްޓަރުން ތިބެންޖެހޭނެކަމަށާއި، އެމަނިކުފާޏުގެ ވެރިކަމެއްގައި ތެލަސީމިއާ ކުދިންނަށް ހިތްހަމަޖެހިގެން ފަރުވާ ލިބޭނެ ތަނެއް ހައްދަވައިދެއްވާނެކަމަށެވެ.

"އެންމެ ރަނގަޅު ޚިދުމަތްތައް ދެވޭ، ޖާގަ ބޮޑު ތެލަސީމިއާ މަރުކަޒެއް މާލޭ ސަރަޙައްދުގައި، ހުޅުމާލޭގެ ބޮޑު ބިމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ ރައީސް ޔާމިންގެ ސަރުކާރުގައި ތެލެސީމިއާގައި މަރުވާ ކުދިންގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވުނު ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން އެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ ކުރިން އެކި ޖަލްސާތަކުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށާއި ތެލެސީމިއާ ހުންނަ ކުދިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ދިނުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!