ޚަބަރު ސިޔާސީ

ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއަށް ރައީސް ނަޝީދާއި ބައްދަލުކުރަން ބޭނުމެއްނުވޭ: ރައީސް ޔާމީން

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއަށް، ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތުމުން އެމަނިކުފާނާއި ބައްދަލުކުރައްވަން ރައީސް ޔާމީން ބޭނުންފުޅު ނުވާކަމަށް އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަންގަވައިފި އެވެ.

Ads by Sosun Fihaara

ރައީސް ޔާމީނު ކަރެކްޝަންސްއަށް މިހެން އަންގަވާފައިވާކަން ހާމަކުރައްވައި އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން ރައީސް ނަޝީދާއި ބައްދަލުކުރައްވަން ބޭނުންފުޅުނުވާތީ އެކަން މިހާރު ރައްޔިތުންގެ މަޖިލީހަށްވެސް އަންގަވާފައިވާނެކަމަށެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ތިން ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސް އިން ވަނީ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް މި މަހު 25 ގައި ނަގަން އެމްޑީޕީ އާއި ޕީޕީއެމް އަށް ހުށަހަޅާފަ އެވެ.

އަދި ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު ރައީސް ޔާމީނާ ބައްދަލުކޮށް މަޝްވަރާ ކުރުން ކޮންމެހެން ބޭނުންތެރި ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޑިމޮކްރެޓްސް އިން ޕީޕީއެމް-ޕީއޭންސީއަށާއި، ވެރިކަން ކުރާ މައި ޕާޓީ  އެމްޑީޕީއަށް ހުށަހަޅާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށެވެ. ނަމަވެސް އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރަން ޕީޕީއެމުން ވަނީ ދެކޮޅު ހަދައިފައެވެ. އެހެންކަމުން އެއްބަސްވުމެއްގައި ސޮއި ނުކުރާނަމަ ގުޅިގެން މަސައްކަތް ކުރަން ދަތިވާނެ ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ވިދާޅުވެފައިވެއެވެ.

ޑިމޮކްރެޓްސް އިން އެމްޑީޕީ އަށް ވެސް އެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ޖަވާބެއް ލިބިފަައި ނުވާ ކަމަށް ޑިމޮކްރެޓްސްއިން ފާހަގަކުރައްވާފައިވާއިރު މީގެ އަށް ދުވަސް ފަހުން ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓްސް އިން އެދެމުން އަންނަ އިރު އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި އެފަދަ އިންތިހާބެއް ބާއްވަން ވާން ޖެހޭ ތައްޔާރީތަކަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ބޭނުން ވާނެ އެވެ. އަދި އެކަމަށްޓަކައި 50-40 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!