ޚަބަރު ސިޔާސީ

މުއިއްޒު ރައީސް ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ޞާލިޙަށް ދައުވަތު އަރުވާނަން، ތައްޔާރަށް ހުންނަވާ: މުޙައްމަދު ޝިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ނޮވެންބަރު 17 ވަނަ ދުވަހު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ރައީސް ކަމުގެ ހުވައި ކުރައްވާތަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ދައުވަތު އަރުއްވާނެކަމަށާއި ތައްޔާރަށް ހުންނެވުމަށް ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީޕީއެމް/ޕީއެންސީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ށ. ފުނަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ޕީޕީއެމަށް ސޮއިކުރެއްވި ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމަށް ގެނައީ ވަރަށް ބޮޑެތި އުންމީދުތަކާއި އެކުގައި ކަމަށެވެ.

"ރައީސް ޞާލިޙް ވެރިކަމަށް ގެނައީ ވަރަށް ބޮޑެތި އުންމީދުތަކާއިއެކުގައި. މިފަދަ ދެވަނަ އެއް ނެތް މީހެކޭ ކިޔާފައި މުޅި ރާއްޖެއަށް އަޑު ފަތުރާލީ" ޝިޔާމް ވިދާޅުވިއެވެ.

އަދި އެވަރުން ނިމުނީކީ ނޫންކަމަށާއި މުޅި މަޖިލީހުންވެސް ރައީސް ޞާލިޙަށް މެޖޯރިޓީ ހޯއްދަވައިދެއްވި ކަމަށާއި ނަމަވެސް ވެރިކަމަށް ހޮވުމުން ރައީސް ޞާލިޙްގެ އަސްލު ކުލަވަރު ފެނިވަޑައިގެންނެވިކަމަށް ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ވެރިކަން މި ދެވުނީ ކަމެއް ކުރަން ދަންނަ މީހަކަށް ނޫންކަން މިހާރު އެނގިވަޑައިގަންނަވާކަމަށެވެ.

މީގެ އިތުރުން، ރައީސް ޞާލިޙުގެ ކެމްޕޭން ޖަލްސާއެއްގައި "ލަނޑަކަށްފަހު ލަނޑެއް، ގޯލަކަށްފަހު ގޯލެއް ޖަހަމުންނޭ ދާނީ، ވިދާޅުވިކަމަށް ފާހަގަކުރައްވަމުން ޝިޔާމްވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އިއްޔެ އަޅުގަނޑަށް ފެނުނީ ލަނޑަކަށްފަހު ލަނޑެއް ލަނޑަކަށްފަހު ލަނޑެއް، ގޯލަކަށްފަހު ގޯލެއް ޖަހަމުންދާނަމޭ، އާދެ އެއީ ތެދެއް. ގޯލަކަށްފަހު ގޯލެއް ޖަހައިފި، ޗޭންޖިންގ ރޫމަށްވަދެ އެއްޗެހި ބަދަލުކޮށްފައި އައިއްސި، ޖުމްލަ އަޅުގަނޑުމެން އިނީ އެއް ލަނޑުގައި އޭރު، އެމީހުން ޖަހައިފި 3 ލަނޑު، ޗޭންޖިންގ ރޫމަށް އައިއްސަ ބަލާލިއިރުގައި ހުރީ އިންޑިއާ ރެފްރީއެއް. ރެފްރީ ކައިރީގައި މި އަހަނީ ކީއްވެގެންހޭ ހަތަަރެއް ސުމެއް މިއިނީ، ބުނީމަ ބުނަނީ ބަލަ އިބްރާހިމާއޭ، ކަލޭ ތިއައީ ބައިކޮޅަށް ހެޓްރިކް ހަދާފައޭ މިފަހަރު،...އެހެންވީމާ ކިހިނެއްހޭ ކަލެއަށް ގޯލެއް އަމާޒުކުރެވޭނީ" ޝިޔާމް ވިދާޅުވިއެވެ.

އެހެންވީމާ އެވަރުގެ ވެރިއެއް ގެނެސްގެން ގައުމު ހިންގާނީ ކިހިނެއްތޯ ސުވާލުކުރައްވަމުން ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙުގެ ވެރިކަން މިހާރު ނިމިއްޖެކަމަށާއި ށ. އަތޮޅުގެ ހުރިހާ ރައްޔިތުންވެސް ވަރަށް ހޭލުންތެރިވާނެކަމަށެވެ.

"ދަންނަވާލަން އޮތީ ކޮރަޕްޓްވެފައި ތިބި 4 ދެތިން އެމްޕީއަކު ލައިގެން ކުރާ މަސައްކަތް މިހާރު އިބްރާހިމް މުހައްމަދު ޞާލިހަށް ފެންނާނެޔޭ، މިސޮރުމެންގެ ބޭނުން އެދުވަހު ނިހިފީ، މިއަދުވެސް ނިހިފީ" ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވުމުން ބާކީ ކޮށްލެއްވި ގޮތް ސިފަކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު ޕީޕީއެމްއަށް ސޮއިކުރަން އުޅޭކަމަށް އަޑު ފެތުރިގެން އިއްޔެވެސް އެތައް ފޯނުކޯލެއް އައިކަމަށާއި، ނަމަވެސް ޕީޕީއެމަށް ސޮއި ކުރެއްވުމަކުން ރައީސް ޞާލިޙަށް ކޮން ކަމެއްތޯ ޝިޔާމް ވަނީ ސުވާލުކުރައްވާފައެވެ. އަދި ޕީޕީއެމާ ގުޅިވަޑައިގެންނެވުމުން އުފާކުރައްވާކަމަށާއި މިފަހަރުގެ އިންތިޚާބުގައި މުއިއްޒު ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހަށް ރައީސް ޞާލިޙު ތައްޔާރަށް ހުންނެވުމަށާއި އެދުވަހު ޑރ. މުއިއްޒު ރައީސް ކަމަށް ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު އަރުވާނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!