މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން "މާލެ ފެހި" ނަމުގައި ހުޅުމާލޭގައި އައުޓްލެޓެއް ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވި މި ހަފްލާގައި ހުޅުމާލެ "މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވުނު މި އައުޓްލެޓް ހުންނާނީ ހުޅުމާލޭ ސަހަރާއާއި އިންވެގެން ހުންނަ ގޯޅިތެރޭގައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިއަދު ހުޅުވާފައި ވަނީ "މާލެ ފެހި" އައުޓްލެޓް ގެ ދެވަނަ އައުޓްލެޓް ކަމަށްވާއިރު، މީގެ ކުރިން ވަނީ މާލޭގައި މިފަދަ އައުޓްލެޓެއް ހުޅުވާފައި ކަމަށެވެ.
މި ނާސަރީ އައުޓްލެޓް ތަކުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މިއަދު ހުޅުވި މާލެ ފެހި އައުޓްލެޓް ހުޅުވައިދެއްވުމަށްފަހު މޭޔަރ މުޢިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީ ގައި ހުރި މިފަދަ އެންމެބޮޑު ނާސަރީ ކަމަށާއި، އެކިކުލަކުލައިގެ އެކި ވައްތަރުގެ ބޯގަންވިލާ ގަސްތަކާއި އެނޫންވެސް ގިނަ ބާވަތްތަކުގެ ގަސްތަކެއް މިއަދު ހުޅުވިގެން ދިޔަ ނާސަރީގައި ލިބެން ހުންނާނެކަމަށެވެ.
މީގެ އިތުރުން މި ނާސަރީން ކަދުރު ރުއްވެސް ގަންނަން ލިބެންހުރިކަން މޭޔަރު މުއިއްޒު ފާހަގަކުރެއްވިއެވެ.
މާލެފެހި ހުޅުމާލެ އައުޓްލެޓްގެ ޚާއްޞަ ކަމެއްގެ ގޮތުގައި މޭޔަރު މުއިއްޒު ވަނީ އެތަނުގައި ޤާއިމްކުރެވުނު "ބަޓަފްލައި ގާޑްން" އާއިބެހޭ މަޢުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ.
އެގޮތުން އެ ބަގީޗާގައި ކުރިއަށްއޮތްތަނުގައި އެކި ވައްތަރުގެ ކޮކާ އާލާކޮށް ކޮކާތަކަށް ޚާއްސަ ގަސްތައް ހުންނާނެކަމަށާއި، އޭގެ ސަބަބުން 4 ވައްތަރެއްގެ އެއްހާސް ކޮކާ އެ ބަގީޗާގައި އުޅޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
މި އައުޓްލެޓްގެ ސަބަބުން އެކި ވައްތަރުގެ ގަސްގަހާގެހި ބޭނުންވާ ފަރާތްތަކަށް ވަރަށްބޮޑު އުފަލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިއީ މާލެސިޓީގެ އެއްލައްކަ ގަސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށާއި، މިއީ މާލޭގައި ދިރިއުޅޭ އަދި ޖުމްލަކޮށް އެތަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ދެވޭ ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ.
ކަދުރު ރުއްތަކާއި ގުޅިގެން މުއިއްޒު ވިދާޅުވީ ކަދުރު ރުކަކީ މިހާރު ކައުންސިލަށް ވަރަށް ބޮޑު ޑިމާންޑެއްއޮތް ކަމެއް ކަމަށާއި، ކައުންސިލްގެ ނާސަރީން ކަދުރުރުއްވެސް ގަންނަން ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ބަގީޗާ ހައްދާފަރާތްތަކަށް ބޭނުންކުރެވޭނެހެން އުކާލާ ލަކުޑިން ހަދާފައިވާ ބައެއް ތަކެތި މި ނާސަރީ އައުޓްލެޓުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.