އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިތުބާރު ނުކުރާ ކަމަށާއި، 30 ސެޕްޓެމްބަރުގެ ފަހުން ވެސް ނިޒާމީ ވޯޓަކަށް ދާން ރައީސް ޞާލިޙް ފުރުސަތެއް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވެއްޖެއެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން ނިޒާމީ ވޯޓު ނުނަގާ ނަމަ އެކަން ކުރައްވާނެ ކަމަށާ ގާބޫލު ނުކުރާނެ ކަމަށެވެ.
"ވޯޓުގެ ކުރިން މިކަން ކުރިއްޔާ ނޫނީ އަޅިގަނޑުމެން އެއްބަހެއް ނުވާނަމޭ, އަދި އެކަން ކުރަނެ އުޅޭނޭ ކަމަކަށް ވެސް އަޅުގަނޑުމެންނަކަށް ގަބޫލެެއް ނުކުރެވެޔޭ" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތީވެސް ވަކި ހިސާބަކުން ނިޒާމީ ވޯޓެއް ނަންގަވާނެ ކަމަށް އެމްޑީޕީއާ ވައުވެވަޑައިގެން ކަމަށާއި ނަމަވެސް ފަސް އަަހަރު ނިމިގެން ދިޔަ އިރު އެކަމެއް ވެސް ނުވި ކަމަށެވެ.
އީވާ މިފަދައިން ވިދާޅުވެފައިވަނީ ނިޒާމީ ވޯޓެއް ނަގާނީ ރިޔާސީ އިންތިހާބަށް ފަހު ކަމަށް ރައީސް ޞާލިހް ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް ޞާލިޙް ވިދާޅުވީ ޑިމޮކްރެޓްސްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ މި މަހުގެ 25 ގައި ނިޒާމީ ވޯޓް ނަގަން ކަމަށާއި އެހެން ނަމަވެސް އެއީ އެހާ ޕްރެކްޓިކަލް ކަމެއް ނޫންކަން އަންގާފައިވާނެ ކަމަށެވެ.
އަދި ނިޒާމީ ވޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގަރާރު ފާސްކޮށް ފޮނުވުމުން އެމަނިކުފާނު އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށާއި ނިޒާމު ކަނޑައަޅާ ވޯޓު ބާއްވާނެ ތާރީހު ވެސް އީސީ އަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.