ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން 60 އަހަރުން ދަށުގެ ފަލަ ފިރިހެނުންނަށް
ކޮވިޑް-19 ގެ ނުރައްކާ އުމުރުން 60 އަހަރުން ދަށުގެ ފަލަ ފިރިހެނުންނަށް ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.
ސަދަން ކެލިފޯނިއަން ހެލްތް ސިސްޓަމް އިން ކުރި މި ދިރާސާގައި ދައްކާ ގޮތުގައި އުމުރުން 60 އަހަރުން ދަށުގެ ފަލަ އަންހެނުންނަށް ވުރެ އުމުރުން 60 އަހަރުން ދަށުގެ ފަލަ ފިރިހެނުންނަށް ނުރައްކާ ބޮޑެވެ. އެގޮތުން މި ދިރާސާގައި އެ އިދާރާއިން ވަނީ ޖުމްލަ 7000 ވުރެ ގިނަ ކޮވިޑް ކޭސްތައް ބަލައި ދިރާސާކޮށްފައެވެ.
ކޮވިޑް19 އަށް އަސަރު ކުރާ އެހެނިހެން ކަންކަން އެއް ފަރާތް ކުރުމަށް ފަހު ބެލި ބެލުމުން، މާ ބޮޑަށް ފަލަވުމަކީ ކޮވިޑް19 އަށް ބޮޑު ނުރައްކަލެއް ކަމަށް އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހާއްސަކޮށް އުމުރުން 60 އަހަރުން ދަށުގެ ފިރިހެނުންނަށް މި ނުރައްކާ ބޮޑެވެ.
ބޮޑީ މާސް އިންޑެކްސް 40 އަށް ވުރެ މަތި ފިރިހެނުން ކޮވިޑް19 ޖެހިގެން މަރުވުމުގެ ފުރުސަތު ތިން ގުނަ އިތުރުކަން މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ،. އަދި ބޮޑީ މާސް އިންޑެކްސް 45 އަށް ވުރެ މަތި ފިރިހެނުން މަރުވުމުގެ ފުރުސަތު 4 ގުނަ ބޮޑެވެ.
ފަލަ މީހުނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވާ މައިގަނޑު ސަބަބަކީ ބަނޑުގައި ސަރުބީ ގިނަވެ އެކަމުގެ ސަބަބުން ނޭވާލާ ނިޒާމަށް އަސަރު ކުރުން ކަމުގައި ވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.