ޚަބަރު ސިޔާސީ

ރައީސް ޔާމިން ހަމައެކަނި ގެއާ ހަމައަށް ގެންނެވި ނަމަވެސް ފުރަތަމަ ބުރުން އިންތިޚާބު ނިމުނީސް: އަދުރޭ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހަމައެކަނި ގެކޮޅާހަމައަށް ގެންނެވި ނަމަވެސް، އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑުތަނުން ކާމިޔާބު ކޮށް އިންތިޚާބު ނިންމާލެވޭނެކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީނުގެ އިސްތިއުނާފް މައްސަލަ ހުއްޓިފައި ވާތީ, އެކަން ސާފު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުން މިއަދު ހައިކޯޓަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާކޮށް އެމަނިކުފާނު ގެއަށް ބަދަލުނުކުރެއްވީވެސް ސެމްޓެމްބަރު 9 ވަނަ ދުވަހުގެ އިންތިޚާބު ބޮޑު ތަނުން ނިންމަވާނެކަން އެނގިވަޑައިގަންނަވާތީކަމަށެވެ.

"ރައީސް ޔާމީން ހަމައެކަނި ގެއާ ހަމައަށް ގެންނެވި ނަމަވެސް މި އިންތިޚާބު 9 ސެޕްޓެމްބަރުގައި ބޮޑު ތަނުން ނިމުނީސް،" އަދުރޭ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ހައިކޯޓުގައި ރައީސް ޔާމީނުގެ މައްސަލަ އިސްތިއުނާފުކުރި އިރު މިއަދާ ހަމައަށް އައިއިރުވެސް އެ މައްސަލަ ނުނިމޭތީ އެކަމުގައި ކަންބޮޑުވާތީ މިއަދު ހައިކޯޓަށް ވަޑައިގެންނެވުމުން ކުރިއަށް އޮތް 3 ހަފްތާގައިވެސް އެ މައްސަލަ އެޖެންޑާ ކުރަން އެބޭފުޅުން ރާއްވަވާފައިނެތްކަން އެނގިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އެނގުނީ ކުރިއަށް އޮތް 3 ހަފްތާއަށް ބަލާއިރުގައިވެސް މި އެޖެންޑާ ކުރުމުގެ ވިސްނުމެއްވެސް މިތާ ތެރޭގައި ނެތްކަން. އެހެން މި ދަންނަވާލަން ޖެހޭ ސަބަބަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު 23 ފެށިގެން ޗުއްޓީ އެބަ ނަންގަވާ. އަނެއްކާ ދެންމެ މި ލިބުނު މައުލޫމާތަކީ 25 އިން ފެށިގެން ހައިކޯޓުގެ ބޭފުޅުން ރަސްމީ ދަތުފުުޅުގެއްގައި އެބަ ވަޑައިގަންނަވައޭ"

ރައީސް ޔާމީނުގެ މައްސަލަ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާ ހަމައަށް ބަލާއިރުވެސް ތާވަލުކޮށްފައިނުވާކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް މިދޭ އަނިޔާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޤަސްތުގައި ދެއްވާ އަނިޔާއެއްކަމަށެވެ.

މީގެ އިތުރުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައްޔިތުން ނިކުމެ ވަރަށް ސާފު ބަހުން މި ސަރުކާރު ނުވަތަ ރައީސް ޞާލިޙްގެ ސަރުކާރެއް ބޭނުންނުވާ ކަމަށް ނިންމައި، އެކަން އަންގައިފިކަމަށާއި އެކަމާއި ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތްތައް ރަނގަޅަށް ކުރަންޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ދެއްކި އެއް ވާހަކައަކީ ރައީސް ޔާމީނަށް އަނިޔާކުރާ ވާހަކަ. އެކަން ރައްޔިތުން ގަބޫލުކޮށްފި އަނިޔާކަން ކުރަނީ، އެ އަނިޔާ ކުރުމާއި ދެކޮޅުކަން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަމުން ގެންދަނީ އިންޑިއާއިންކަމަށެވެ. އެގޮތުން އެކަން ކުރައްވަނީ އިންޑިއާ އަޑީގައި އޮވެގެން، ރައީސް ޞާލިޙް ރައީސް އޮފީހުގައި އިންނަވައިގެން ކޯޓު ތަކަށް ނުފޫޒު ފޯރުވައިގެންކަމަށާއި މިކަމުގައި ޖޭއެސްސީ ވެސް ހިމެނޭކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އަނިޔާކުރުމުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީން މިނިވަންކަމާއެކީގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނަވައިފިއްޔާ މިބޭފުޅުން މިކުރައްވާ ކަންތައްތައް ކުރައްވާކަށް ފުރުޞަތެއް ލިބިވަޑައިނުގަންނަވާނެ، އެއަށްވުރެ މާ ވަރުގަދަޔަށް އެކަމާއި ތެދުވެވަޑައިގަންނަވާނެ، އެހެންވީމާ ރައީސް ޔާމީން ނިޒާމުން ގެއްލުވާލުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ" އަދުރޭ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ޖަލަށްލުމުގެ މައިގަނޑު ސަބަބަކީ އިންޑިއާގެ އަޅުވެތިކަމަށް މިޤައުމު ގެންދިޔުމާއި އެމަނިކުފާނު ދެކޮޅުހެއްދެވި ހެއްދެވުންކަމަށް އިޝާރާތްކުރައްވަމުން އަދުރޭ ވިދާޅުވީ މިހާރު ރައްޔިތުން ތިބީ ރައީސް ޔާމީނުގެ ލަފަޔާއި އިރުޝާދުގެ ދަށުން މުއިއްޒުއަށް ރާއްޖޭގެ ވެރިކަން ދޭން ކެތްމަދުވެފައިކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!