މިމަހު 30 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އިތުރު އިންތިޚާބެއް ބާއްވާނަމަ، 30 ނޫނީ 45 ދުވަސް ބޭނުންވާނެ ކަމަށެވެ.
އަދި ގާނޫނުގައި އެކަށައަޅަންޖެހޭ ހަމަތަކާއި އުސޫލުތަކެއްވާ ކަމަށާއި އިންތިހާބެއް ބާއްވާނަމަ ކެންޕެއިން ކުރުމަށް 28 ނޫނީ 30 ދުވަސް ހޭދަވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. މީގެ އިތުރުން ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން އިތުރު އިންތިޚާބެއް ބާއްވާނަމަ އެކަމަށް މަދުވެގެން 50-40 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
ރައީސް ނަޝީދު އިސް އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއިން ދަނީ މިމަހުގެ 25 ގައި ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ. ދެވަނަ ބުރުގެ ކުރިން މި ވޯޓު ނެގުމަށް އެ ޕާޓީގެ އެކި މެންބަރުން ދަނީ ވަކާލާތު ކުރަމުންނެވެ.