ޚަބަރު ސިޔާސީ

ވެރިކަމަކީ ބޮޑު އިއްޒަތެއް ޝަރަފެއް ނޫން، އެއީ ބޮޑު އަމާނާތެއް: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ވެރިކަމަކީ ލިބިވަޑައިގަންނަވާ ބޮޑު ޝަރަފެއް ނުވަތަ ޢިއްޒަތެއް ނޫންކަމަށާއި އެީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއްކަމަށް ޕީޕީެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ވަޑައިގެން ރ. ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ވެރިކަމަކީ ޝަރަފެއްގެ ގޮތުގައި ދެކޭނަމަ އެކަމުން ކުރާނެ މަންފާއެއް ނޯންނާނެކަމަށާއި ވެރިކަން ހަވާލު ކުރަނީ ރައްޔިތުން ކަމަށްވާއިރު، އަބަދުވެސް ރައްޔިތުން އިސްކޮށްގެން ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެންމެ ފުރަތަމަ ވާޖިބަށް ހަދަން ޖެހޭކަމެވެ.

މީގެ އިތުރުން، ރައްޔިތުންގެ ފުރިހަމަ ތައީދާއިއެކު ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި އެއީ ޝަރަފެއްކަމަށް ދެކި ރައްޔިތުންނަށް ވެވަޑައި ގަންނަވާ ވައުދުތަކާއި ހަވާލު ކުރާ އަމާނާތްތަކަށް ޚިޔާނާތްތެރި ނުވާނެކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ މަސައްކަތް ކުރައްވާނީ ވަރަށް އަމާނާތްތެރި ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކަމަށެވެ.

"އަޅުގަނޑު ޤަބޫލެއް ނުކުރަން ވެރިކަމަކީ ބޮޑު ޢިއްޒަތެއް ޝަރަފެއްގެ ގޮތުގައެއް. މިއީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް. ޒިންމާއެއް. މަސްއޫލިއްޔަތެއް. އަޅުގަނޑު މިއަންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ރައްޔިތުންނަށް މިކަން ކޮށްދޭން. މި އަމާނާތް އަދާކޮށް މި ޒިންމާ އުފުލައި، ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެކަމުގެ ޔަގީންކަން އޮތީމާ އަޅުގަނޑު މި މަޤާމަށް އަންނަން މަސައްކަތް މިކުރަނީ" މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު އަޅުގަނޑުމެންގެ ވިސްނުން ސިޔާސީ ޕާޓީތަކުން ބޭރަށް ގެންދަން ޖެހޭކަމަށާއި މިހާރުގެ ހާލަތުން ރާއްޖެ ސަލާމަތްކުރުމަށް ހުރިހާ ރައްޔިތުންވެސް ވިސްނަވަން ވެއްޖެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ޤައުމުގެ ކަންކަން މިހާރު ހުރި ގޮތަށް ބަލާއިރު، މި ސަރުކާރަށް އަމިއްލަ ބަސް ނުބުނެވޭ ކަމަށާއި އަދި ސަރުކާރުން ކޮންމެ ކަމެއް ކުރަންވެސް ހުއްދަ ނަގަން ޖެހޭ ކަމަށްވާއިރު ސަރުކާރުގައި ސިޔާސީ މިނިވަން ކަމެއް ނެތް ކަަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން މިހުރި ގޮތަށް ބަލާއިރުގައި، ޤައުމުގައި އަމިއްލަ ބަސް މި ސަރުކާރަކަށް ނުބުނެވޭ، ސަރުކާރުން ހުއްދަ ނަގަން އެބަ ޖެހޭ އެއްވެސް ކަމެއް ކުރާއިރުގައި، އެހެންވީމަކާ ނެތް މިނިވަންކަމެއް، ސަރުކާރުންގަ ނެތް ސިޔާސީ މިނިވަންކަމެއް. ރަސްމީކޮށް މިނިވަންކަން އެބައޮތް، އެކަމަކު އަމަލީ ގޮތުން ޕްރެކްޓިކަލީ ނެތް މިނިވަންކަމެއް" މުއިއްޒު ވިދާޅުވިއެވެ.

އަދި މިކަންކަމަކީ ސީދާ ސަރުކާރުން ނިންމައިގެން އުޅޭ ގޮތެއްކަމަށާއި ސަރުކާރުގެ ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން މިކަންކަމަށް މަގުފަހިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ މީގެ 50 ހަކަށް އަހަރު ކުރިން ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ މިނިވަންކަން އެގޮތުގައި ދެމި އޮތްކަމަށާއި އެކަން ބަދަލުވީ މިސަރުކާރު އައި ފަހުންކަމަށެވެ.

"މީގެ މާ ކުރީ ޒަމާނުން ފެށިގެން، އަދި މިތަނަށް މި ފަހުން މިއައި ޑީމޮކްރެސީގެ ބަދަލުތައް އައުމުގެ މާކުރިން ފެށިގެން، 40 50 އަހަރު ކުރިން ފެށިގެން މިނިވަންކަން ލިބުނީއްސުރެ މިނިވަންކޮށް މިއޮތީ، އަމިއްލަ ބާރު ހިނގާ ޚާރިޖީ ސިޔާސަތުގައި މިތާ، ކޮންމެ ވެރިކަމެއްގައިވެސް، ވަކި ޤައުމެއްގައި އޮންނަ ވަކި ސަރުކާރެއްގެ ދަށު ނުވޭ ސަރުކާރެއް މިހާތަނަށް މިސަރުކާރު އަންނަންދެކާ" މުއިއްޒު ވިދާޅުވިއެވެ.

މިހާ ހިސާބަށް ރާއްޖޭގެ ކަންކަން ގޮސްފައިވާއިރު އެކަން ބަދަލުކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް މި މަހުގެ 30 ވަނަ ދުވަހު ލިބެން އެބައޮތް ކަމަށް ފާހަގަކުރައްވަމުން މުއިއްޒު އެދިވަޑައިގަތީ ޤައުމު މިނިވަންކަމަށް އަނބުރާ ގެނައުމަށް އެބޭފުޅާއަށް ހުރިހާ ރައްޔިތުންވެސް ވޯޓު ދެއްވުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!