ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ރާއްޖެއިން އަސްކަރީ "ބޫޓު ޖޯޑުތައް" ބާލާނެ ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ޑރ. މުޢިއްޒާއެކު ބ. ކަމަދޫއަށް ވަޑައިގެން މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ވަގަށް ނެގިޔަ ދީގެން ނުވާނެ ކަމަށާއި ހުރިހާ ޕާޓީތަކުން ވެސް ޕީޕީއެމާ ގުޅެން ޖެހޭ ކަމަށެވެ.
"ހުރިހާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް, ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޑިމޮކްރެޓްސްގެ މެމްބަރުން އެކުވެރިކަމާ އެކު އަޅުގަނޑުމެންނާ ގުޅޭށޭ. އެމްޑީޕީގެ މެމްބަރުންނަށް ވެސް އަޅުގަނޑު ދަންނަވާނީ އެކިވެރިކަމާ އެކު އަޅުގަނޑުމެންނާ ގުޅޭށޭ" ޝަހީމް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ބޭރުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ އަސްކަރި ބޭނުންތަކަށް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ސިފައިން ނޫން ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އަނެއްކޮޅުން މި ބުނަނީ އަސަކަރީ ބޭނުމަކު ނެތޭ. ތިބީ ބިރިޔާނީ ކައްކަންށޭ. ބަލަ ސިފައިން ތިބިއްޔާ އޭގެ މާނައަކީ އެ ތިބޭ ތިބުން އެއީ އޭގެ ޒާތުގަ އަސްކަރީ ބޭނުމަށް ތިބޭ ތިބުމޭ. މި ޒަމާނުގަ އަސްކަރީ ބޭނުމަށް ކަޑިބަޑި ހިފައިގެން ސިފައިން ނިކުންނާކަށް ނުޖެހެއޭ" ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގެންނަ ބޭފުޅެއްގެ ގައިގައި ރަނގަޅު ނަމޫނާ ދެއްކޭނެ ފެންވަރު ހުންނަން ޖެހޭނެ ކަމަށާއި އެއީ އިސްލާމްދީނަށް ވެސް ލޯބިކުރާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް އެންމެ ލާއިގު ބޭފުޅަކީ ޑރ. މުޢިއްޒު ކަމަށާއި އެމަނިކުފާނު ގައުމު ސަލާމްތަކޮށްދެއްވާސޮނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.